ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ ދަށުން، ޖެޓީ ހެދުމުގެ މަސައްކަތުގެ 70 ޕަސެންޓު ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުންދާ އެމެޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ، ޖެޓީ ކޮލަމް ހަރުކުރުމަށްޓަކައި ބެޑް ޕްރިޕަރޭޝަން މަސައްކަތްތައް ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 13,216 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ބަނދަރު ފުންކުރުމާއި، 17,450 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުން ހިމެނެއެވެ.

މީގެ އިތުރުންވެސް 183 މީޓަރުގެ ބޭރުތޮށި ލުމާއި، 188 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 4.5 މީޓަރު ދިގު 244 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުންވެސް އެކުލެވެއެވެ.

ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދަނީ

އަދި 244 މީޓަރުގެ ޖެޓީއެއް ހެދުމާއި، 105 މީޓަރު ދިގު 5 މީޓަރު ފުޅާ ސައުތް ސައިޑް ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 10 މީޓަރު ދިގު 10 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުގެ ދަށުން ރޭމްޕް ހެދުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. މިއީ 36.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.