ރައީސް ޑރ. މުހައްމަދު މުއިއްޒު ޗެއާ ކުރައްވާ ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް ބޯޑަށް 4 މެންބަރުން ހޯދަން އިއުލާނުކޮށްފިއެވެ.
ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް ބޯޑަކީ ދިވެހި ގައުމު ބިނާކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި ފިކުރާއި އުންމީދުތަކާއި ޒުވާނުންނާއި ގުޅޭ ކަންކަމުގައި ރައީސްއަށް ލަފާއެރުވުމަށް އެކުލާވާ ބޯޑެކެވެ.
އެ ބޯޑަކީ 15 މެންބަރުންގެ މައްޗަށް އެކުލަވާލެވޭ ބޯޑެއް ކަމަށް ވާއިރު، ބޯޑުގައި ތިބޭނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް ބޯޑަށް މީހުން ހޯދުމަށް އިއުލާނުކޮށްފައި ވަނީ 2 ދާއިރާއަކުންނެވެ. އެއީ ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާ އަދި ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން މަސައްކަތްކުރާ އެންޖީއޯ ނުވަތަ ސިވިލް ސޮސައިޓީއެވެ. މި ކޮންމެ ދާއިރާއަކުން އަންހެން އަދި ފިރިހެން މެންބަރަކު ހޮވުމަށް ވަނީ އިއުލާނުކޮށްފައެވެ.
ބޯޑު މެންބަރުންގެ ޝަރުތުތައް:
- ދިވެހި ރައްޔިތެއް ކަމުގައިވުން
- އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން
- ތަމްސީލުކުރާ ދާއިރާއާއި ގުޅޭ ފަންނީ ގާބިލްކަން ނުވަތަ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން
- ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން
ބޯޑު މެންބަރުންނަށްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައި ވަނީ އަންނަ ހޯމަ ދުވަހުގެ 2:00 އަށެވެ.
5 ދާއިރާއެއްގެ މައްޗަށް އެކުލަވާލާ މި ބޯޑުގެ ޗެއާކަން ކޮންމެ 3 މަހުން 1 މަހު ރައީސް މުއިއްޒު ކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އެހެން ބައްދަލުވުންތަކުގައި ޗެއާ ކުރައްވާނީ ރައީސް ކަނޑައަޅުއްވާ މެންބަރެކެވެ.
އެ ބޯޑުގައި ހިމެނުމަށް ހަމަޖެހިފައި ވަނީ ގައުމީ ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުން، ގައުމީ ލެވެލްގެ އެތްލީޓުން، ޒުވާނުންނަށް ހިދުމަތް ކުރުމަށް އެކުލަވާލާފައިވާ އެންޖީއޯގެ މެންބަރުން، ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާ ތަމްސީލު ކުރާ މީހުން އަދި ސާނަވީ ސުކޫލުތަކުން ހޮވާލެވޭ ދަރިވަރުންނެވެ.