މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ ލޯނެއް ނުދައްކާ އޮތުމުން އެއަށްވާ 4.1 މިލިއަން ރުފިޔާ ދެއްކުމަށް އިއްވި ހުކުމަކީ ލޯން ރީސްޓްރަކްޗާ ކުރުމަށް ބޭންކާ އެކު މަޝްވަރާ ކުރަމުންދަނިކޮށް އިއްވި ހުކުމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަންގަވާފައިވާ ލޯނަކަށް ގަވާއިދުން ފައިސާ ދައްކަވަމުން ނުދާ ކަމަށާއި ޑިމިނިޝިން މުޝަރަކާ (ޑީއެމް)ގެ ދަށުން ނަގާފައިވާ މި ފައިނޭންސިންގް ފެސިލިޓީގެ ދަށުން މިއަދުގެ ނިޔަލަށް ޖުމްލަ 4،156،355 ރުފިޔާ އަރާފައިވުމުން އެ ފައިސާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން އާޒިމާގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްފައި ވަނީ މިއަދު އެވެ.

ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު އިންތިހާބުގައިވެސް ވާދަ ކުރައްވާ އާޒިމާ އެކަމާ ގުޅިގެން މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެއީ 2016 ވަނަ އަހަރު އިސްލާމިކް ބޭންކުގެ ފަރާތުން ނެންގެވި ލޯނެއް ކަމަށާއި އާމްދަނީ ލިބެމުންދިޔަހާ ދުވަހު ލޯނަށްވާ ފައިސާ ދައްކަވަމުން ދިޔަ ކަމަށެވެ. އަދި ފައިސާ ނުދެއްކި މަޑު ޖެހިފައި ވަނީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ކަމަނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ ސަބަބުން ގާނޫނީ ވަކީލު ކަމުގެ މަސައްކަތަށް ހުރަސް އެޅިފައިވުމުން ކަމަށް ބަޔާނުގައި ވެއެވެ.

https://www.facebook.com/photo?fbid=2112235512444884&set=a.135303350138120

"އަޅުގަނޑަކީ އަމިއްލަ މަސައްކަތުން ދިރިއުޅޭ މަޔަކަށް ވުމުން ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަނީ އަމިއްލަ މަސައްކަތުން. ނަމަވެސް ކޮވިޑްގެ ހާލަތާއެކު ވަޒީފާއެއް ނެތި އާމްދަނީ ހޯދުމަށް ކުރި ތަފާތު މަސައްކަތް ތަކުން ލޯނު ދެއްކުމަށް އެކަށީގެންވާ ކުރިއެރުމެއް ވަނީ ނުލިބިފައި" އާޒިމާ ވިދާޅުވެފައި ވެއެވެ.

އަދި ލޯނަށްވާ ފައިސާ ދެއްކުމަށް އެކަމަނާ އިސްވެ ތާވަލެއް އެކުލަވާލާ، ލޯން ރީސްޓްރަކްޗާ ކުރުމަށް ބޭންކަށް ހުށަހަޅާފައިވާ ކަން ފާހަގަ ކުރައްވާ އާޒިމާ އިތުރަށް ވިދާޅުވީ އެ މަޝްވަރާތައް ބޭންކާއެކު ހުސްވި ޑިސެމްބަރު މަހުވެސް ކުރެއްވި ކަމަށެވެ. އެހެންކަމުން ލޯޔަރުންގެ މަޝްވަރާއާއެކު ހުކުމް ރިވިޔުކޮށް އިސްތިއުނާފް ކުރުމަށް ނިންމާ އެ މަސައްކަތް ކުރައްވަމުންދާ ކަމަށް އާޒިމާ ވިދާޅުވިއެވެ.

"ދައުލަތުގެ ބާރުގަދަ އެތައް މަގާމެއް އަދާ ކުރި ނަމަވެސް މުސާރަ ފިޔަވާ އެހެން ފައިސާ އެއް ދައުލަތުން ނަގާފައި ނުވާނެ. އަދި އިތުރު އެހެން އެއްވެސް ފަރާތަކުން ނާޖާއިޒް ފައިދާ ނަގާފައި ނުވާނެ" ބަޔާނުގައި ވެއެވެ.

އަދި މިއަދު އިއްވި ހުކުމްގެ ސަބަބުން މިހާރު ކުރަމުންދާ މަސައްކަތައް (މާލެ ސިޓީގެ މޭޔަރު އިންތިހާބުގައި ވާދަ ކުރެއްވުން) މަޑުޖެހުމެއް ނާންނާނެ ކަމަށާއި ކުރިއަށް އޮތްތާނގައި އެ މަސައްކަތް އިތުރަށް ބާރަށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އެކަމަނާ ވަނީ އަރުވާފައި ވެއެވެ.