ރާއްޖޭގައި މިވަގުތު ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަށް ވުރެ އަނބުރާ ގައުމަށް އެ މީހުން ފޮނުވާލުން މުހިންމުކަމަށް، ސަރުކާރުން މިއަދު ބުނެފިއެވެ.
މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އޭނާ އަތުގައި މިވަގުތު ހުރި ހިސާބުތަކުން ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ތިބި ކަމަށް ދައްކާ ކަމަށެވެ.
އެއީ މީގެ ކުރިން ހާމަކުރި އަދަދު ކަމަށްވާ 89 ސިފައިންނަށް ވުރެ އެއް ސިފައިންގެ މީހަކު މަދު އަދަދެކެވެ. އޭގެ ކުރިން ސަރުކާރުން ހާމަކުރީ ރާއްޖޭގައި އިންޑިއާގެ 78 ސިފައިން ތިބިކަމަށެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ، ސަރުކާރަށް މުހިންމީ އިންޑިއާ ސިފައިން ތިބި އަދަދަށް ވުރެ، ރާއްޖޭން އެ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް އިންތިޒާމުވެގެންދާ މަންޒަރު ރައްޔިތުންނަށް ފެނުން ކަމަށާއި، އެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަކީ އެކަމާ ގުޅުންހުރި ބައްދަލުވުމެއް ނޫން ކަމަށް ވިދާޅުވެ، އިތުރު ތަފްސީލު ހާމަކުރެއްވުމަށް ދެކޮޅު ހެއްދެވުމަށް ފަހު އޭނާ ވިދާޅުވީ، ކަމާބެހޭ ފަރާތްތަކުން އެންމެ ރަނގަޅު ވަގުތުގައި އިންޑިއާ ސިފައިންނާ ގުޅުންހުރި ތަފްސީލީ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
މި މަސައްކަތް ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން، ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ކަމާއި، އެހެންކަމުން މި މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫންކަން ނާޒިމް ފާހަގަކުރެއްވިއެވެ.
"އެހެންވީމާ އެ ކެތްތެރިކަމާ އެކު ދިވެހި ރައްޔިތުން ތިއްބެވުން، ދިވެހި ސަރުކާރާ އެކު މިކަމުގައި ސާބިތުވެ ތިއްބެވުން، އެއީ ދިވެހި ރައްޔިތުންނާ ދިވެހި ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމުގައި ވެސް އަޅުގަނޑުމެން ދެކެން،"
އިތުރު ނޫސްވެރިޔަކު ވެސް އިންޑިއާ ސިފައިންނާ ގުޅުންހުރި މައުލޫމާތު ހޯދުމަށް ސުވާލުކުރުމުން ނާޒިމް ވަނީ މީގެ ކުރިން ދެއްވި ޖަވާބު ތަކުރާރުކުރައްވައިފައެވެ.
މިވަގުތު ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަކީ މި ސަރުކާރު މައިގަނޑު ވައުދުތަކުގެ ތެރެއިން އެއް ވައުދެވެ. ނަމަވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސީދާ އަދަދު އަދިވެސް ހާމަނުކުރެވޭތީ ބައެއް ސިޔާސީ ފަރާތްތަކާއި އާންމުންގެ ފަރާތުން ސަރުކާރަށް ފާޑުކިއުން އަމާޒުވެފައިވެއެވެ.