ގޯއްޗާއި ފްލެޓް ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް މި ހަފްތާ އަދި އަންނަ ހަފްތާގައި ކުރަމުންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ގޯތި އަދި ފްލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓު ކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ ގޯތި އަދި ފްލެޓް ހަވާލު ކުރުމަކީ އެމަނިކުފާނު ވައުދުވެވަޑައިގެންގޮތަށް ކުރިއަށް ދާނެ ކަމެއް ކަމަށެވެ.

މި ހަފްތާ އަދި މި އަންނަ ހަފްތާ ތެރޭގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއިން ކުރިއަށް ގެންދާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަން ކަމުން އެ ތަންތަން ހިއްމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ގުޅީފަޅު އަދި ގިރާވަރުފަޅުން އިތުރު ބިން ހިއްކުމަށް ވެސް ތައްޔާރު ވަމުންދާ ކަމަށެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފަިއިވާ ބޯހިޔާވަހި ކަމުގެ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ކުރީގެ ސަރުކާރުން ކުރިޔަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމް އަދި "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ލިބުން ބައެއް ފަރާތްތަކަށް ގޯއްޗާއި ފްލެޓްގެ ރަޖިސްޓްރީ ހަވާލުކޮށްފައި ނުވާތީ އެ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ރައީސް މުއިއްޒު ވަނީ އެ ގޯއްޗާއި ފްލެޓްތައް ދޭނެ ކަމުގެ ޔަގީންކަން އަރުވަމުންނެވެ.

އެގޮތުން ގޯތި ދީފައިވާ ސްލޮޓަށް ކުޑަ ބަދަލެއް އައިކަމުގައިވީ ނަމަވެސް ގޯތި އަތުނުލާނެ ކަމަށް ރައީސް އަދި ހައުސިން މިނިސްޓްރީއިން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބިއިރު އޭގެތެރެއިން 18،948 ފަރާތަކަށް ވަނީ ގޯތިދީފައެވެ. އޭގެ ތެރެއިން ގުޅިފަޅުން 2،218 ގޯތި ދޫކޮށްފައިވާއިރު ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ވަނީ ދޫކޮށްފައެވެ.