މާލެ އަށް އިއްޔެ ކުރި ވިއްސާރައިގައި ފެން ބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު އަށް ގެއެއްގައި ދިރިއުޅެމުން ދިޔަ 41 މީހަކު ވަގުތީ ހިޔާތަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނެފިއެވެ.

ލިބުނު ގެއްލުންތަކުގެ އެންމެ ފަހުގެ މައުލޫމާތު މިއަދު ހިއްސާކުރައްވައި، އެ އިދާރާގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް މުހައްމަދު ފިކުރީ ވިދާޅުވީ، ފެން ބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތައް ގޭބިސީތަކާއި އޮފީސްތަކާއި ގުދަންތައް ހިމެނޭހެން 180 ތަނެއްގެ ފަރާތުން ރިޕޯޓުކުރި ކަމަށާއި، ފުލުހުންނާއި ސިފައިންނާއި ރެޑް ކްރެޒެންޓުން އެ ތަންތަނުގައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މިއަދު އެންޑީއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ތަފްސީލުކުރައްވަމުން އޭނާ ވިދާޅުވީ:

  • 180 ތަނުގެ ތެރެއިން 164 ގެއަކަށް އެންޑީއެމްއޭގެ ޓީމުތަކުން ދިޔަ ކަމަށް
  • އެ ގޭބިސީތަކަށް ގޮސް އިނީޝިއަލް ރެޕިޑް އެސެސްމެންޓު ހަދައި، މީހުން ވަގުތުން ބޭނުންވާ ކަންކަން ދެނެގަނެވުނު ކަމަށް

އޭގެ ތެރެއިން ގާތްގަނޑަކަށް 12 ވަރަކަށް ގެއަކުން ވަގުތީ ބޯހިޔާވަހިކަމާއި ކެއުމާއި ބުއިމުގެ ކަންކަން ބޭނުންވާކަން ދެނެގަނެވުނު ކަމަށާއި، އެ ގޭބިސީތަކުގައި ދިރިއުޅޭ މީހުންނަށް އެހީތެރިކަން ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މި 12 ގޭބިސީތަކުގެ ތެރެއިން އަށް ގެއެއްގައި ދިރިއުޅޭ މީހުން ތިން ދުވަހުގެ މުއްދަތަކަށް ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށާއި، އެއީ އެ ގޭބިސީތައް ސާފުކޮށް، އެ ތަންތަނުގައި ދިރިއުޅޭ އާއިލާތަކުން އެނބުރި އެ ތަންތަނަށް ދިއުމަށް އެކަށޭނަ މުއްދަތެއް ދިނުމުގެ ގޮތުން ކަމަށް ވެސް ފިކުރީ ވިދާޅުވިއެވެ.

ފިކުރީ ވިދާޅުވި ގޮތުގައި، އިއްޔެ ދިޔަ 164 ގެތަކަށް އެންޑީއެމްއޭގެ ޓީމުތަކުން ގޮސް ހެދި ޓެސްޓުތަކުގެ އަލީގައި ލިބުނު ގެއްލުންތައް ދެނެގަނެ ނިމިއްޖެ ކަމަށް ވަންޏާ ލިބުނު ގެއްލުންތަކުގެ ތަފްސީލު މާދަމާ އާންމުކުރެވޭނެއެވެ.

އޭނާ ވިދާޅުވީ، މިހާތަނަށް ހެދި ޓެސްޓުތަކުގެ ނަތީޖާ އިން ދައްކާ ގޮތުން:

  • ގިނައިން ގެއްލުން ލިބިފައި ހުރީ ހިފާ ގެންގުޅޭ ތަކެއްޗަށް ކަމަށް
  • ފަރުނީޗަރު ވެސް ހިމެނޭހެން މި ތަކެއްޗަށް ގެއްލުން ލިބިފައި ވަނީ ނަޖިސް ފެން ޖެހިގެން ކަމަށް
  • އިމާރާތްތަކުގެ ފަރުމާތަކަށް މާ ބޮޑު ގެއްލުމެއް ލިބުނުކަން ފާހަގަނުކުރެވޭ ކަމަށް

ބައެއް ރަށްރަށުގެ ހާލަތަށް އަލިއަޅުވާލައްވައި ފިކުރީ ވިދާޅުވީ ކ. ހުރަ އާއި ގުރައިދޫ، މީން ކޮންމެ ރަށަކުން 20 ގެއަކަށް ފެން ވަތް ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، ފެން ވަނުމުގެ ސަބަބުން އެ ގޭބިސީތަކަށް ލިބުނު ގެއްލުންތައް ފޯމު މެދުވެރިކޮށް ހިއްސާކުރުމަށް އެ ދެ ރަށުގެ ކައުންސިލުތަކަށް މިހާރު އިރުޝާދުދީފައިވާ ކަމަށެވެ.

އިއްޔެ ކުރި ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތަކުގައި ފެން ބޮޑުވެ، ބައެއް ގޭގެއަށް ފެން ވަނުމުގެ ސަބަބުން އެކި ގޭގޭގައި ހުރި ސާމާނުތަކަށް ގެއްލުންވެފައިވެއެވެ. މާލޭގެ އިތުރުން، ވެލާނާ އެއާޕޯޓާއި ރަށްރަށުގައި ފެން ބޮޑުވުމުގެ ހާދިސާތައް ހިނގާފައިވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ރޭ މެންދަމު 2 އިން ފެށިގެން ހެނދުނު 6 އަށް އެންމެ އުތުރުން ޅ. އަތޮޅަށް ރީނދޫ ސަމާލު، އަދި މިއަދު ހެނދުނު 7 އިން މެންދުރު 1 އަށް ހުދު ސަމާލު، ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ނެރެފައެވެ.