ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ތެރެއިން މަދުވެގެން އެއް ފަޅުވެރިޔަކީ "ރެސްކިއު ޑައިވަރު" ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައި ހެދުމަށްޓަކައ،ި ކުރިއަށް ގެންދަން ރާވާފައިވާ ރެސްކިއު ޑައިވަރު ފެންވަރުގެ ކޯސްތައް ހިންގައިދޭނެ ފަރާތްތައް ހޯދުމަށް އިއުލާންކޮށްފިއެވެ.

ޑައިވިން ފުޅި އަޅައިގެން އެން ހޯދަން ފީނާއިރު ދިމާވާ ނުރައްކާތެރި ހާދިސާތައް ކުޑަ ކުރުމަށްޓަކައި ކޮންމެ މަސް ދޯންޏެއްގައި ރެސްކިއު ޑައިވިން ސެޓްފިކެޓް އޮންނަ މީހަކު ހުރުން ލާޒިމްކުރާ ސިޔާސަތެއް ކަނޑައެޅުމުގެ މަސައްކަތްކުރަމުން އަންނައިރު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ވަނީ ޑައިވް އިންސްޓްރަކްޓަ ކޮންސަލްޓެންސީ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.

މި ގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ލިބިފައިވާ ތައުލީމާ، ތަޖުރިބާގެ އިތުރުން މި ޓްރެއިނިންތައް ހިންގާނެ ގޮތާ، ކުރިއަށް ގެންދާނެ ތާރިހު އަދި ކިޔަވައިދޭނެ ބައިތައް ހިމަނައިގެން ޕްރޮޕޯޒަލް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. މީގެ އިތުރުން

- ވައިފުޅި އަޅައިގެން ފީނުމުގެ ހުއްދަ އޮތް އަދި ޑައިވިން ކޯސް ކިޔަވައިދިނުމުގެ ހުއްދަ އޮންނަ އިންސްޓްރެކްޓަރަކަށްވުމާ އެކު ކޯސް ފުރިހަމަކުރިތާ މަދުވެގެން 2 އަހަރުވުން

- މަދުވެގެން 10 ފަރާތަކަށް ޑައިވް ތަމްރީން ކޯހެއް ހިންގާފައިވުމާއެކު، މީގެ ތެރެއިން މަދުވެގެން 1 ފަރާތަކަށް ރެސްކިއު ޑައިވް ކޯހެއް ހިންގާފައިވާ ފަރާތަކަށްވުން

މިކަމަށް ޝައުގުވެރިވަ ފަރާތްތަކުން ޖެނުއަރީ 09 ވަނަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހަޅަންޖެހޭ އިރު، މިނިސްޓްރީން ބުނީ ފުރަތަމަ ފިޔަވަހީގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. މި ގޮތުން ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދަނީ ލ، ގއ، ގދ އަދި އައްޑޫ ސިޓީއަށް އަމާޒުކޮށްގެންނެވެ.