ކުޅުދުއްފުށީ އެއާޕޯޓަށް ފުރަން ދިޔަ ދިވެހި އަންހެނެއްގެ އަތުން ވަޒަނެއް ފެނިއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވަނީ، މިފަދަ ހާދިސާ އެއް ހިނގައިގެން އުޅޭކަން 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދެއްވާފައެވެ.

އިތުރު ތަފްސީލެއް ނުދެއްވި ނަމަވެސް، އޮފިޝަލް ވިދާޅުވީ، އެފަދަ މައްސަލަތަކުގައި އަބަދު ވެސް އަމަލުކުރާ ގޮތަށް ފުލުހުންނާ ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށެވެ.

ފުލުހުން ވަނީ، ކުޅުދުއްފުށި އެއާޕޯޓަށް ފުރަން ދިޔަ އަންހެނެއްގެ ދަބަހުން ވަޒަނެއް ފެނުނު ކަމަށް ބުނެ މިއަދު ހަވީރު ދިން މައުލޫމާތަކާ ގުޅިގެން މައްސަލައެއް ތަހްގީގު ކުރަމުންދާ ކަން ޔަގީން ކޮށްދީފައެވެ.

މި މައްސަލައިގައި އެ މީހާ ހައްޔަރުކުރިކަން ނުވަތަ ނޫންކަން ފުލުހުން ނުބުނެއެވެ.

މަތިންދާ ބޯޓުން ދަތުރުކުރުމުގެ ކުރިން އާންމު ގޮތެއްގައި އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުން ދަތުރުވެރިން ސްކްރީންކޮށް، ފްލައިޓަށް އެރުވުން މަނާ ތަކެތި ހުރޭތޯ ޗެކުކުރެއެވެ.

ހަތިޔާރާއި ލައިޓަރާއި ގޮވާ ޒާތުގެ ތަކެތި ފްލައިޓަށް އެރުވުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. އަދި އެފަދަ ތަކެތި ހުރިކަން ފާހަގަކުރެވޭ ނަމަ އެއާޕޯޓުން އެ ތަކެތި އަތުވެސްލާނެއެވެ.