ފުށިދިއްގަރުފަޅު ހިއްކައި އެ ބިމުގައި ތަރައްގީކުރާ 'ރަސްމާލެ' މަޝްރޫއު ކުރިއަށް ގެންދަނީ ދައުލަތަށް މާލީ ގޮތުން އެންމެ ފައިދާ ހުރި ގޮތަށްތޯ ކަށަވަރުކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައި ހުށަހަޅާ ކުއްލި މައްސަލައެއް މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފިއެވެ.

ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، މި މަހުގެ 18 ގައި ފެށި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ރޭވިފައިވާ ގޮތާއި އެ ބިން ތަރައްގީކުރާ ގޮތާއި، މަޝްރޫއަށް ކަނޑައަޅާފައިވާ ބިން ހިއްކަން ސަރުކާރުން ކުންފުންޏެއް ހޯދި ގޮތް އެނގެން ނެތް ކަމަށާއި، އެ މަޝްރޫއުގެ މާސްޓާޕްލޭނެއް އެކުލަވާލުމުގެ ކުރިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުން ސުވާލު އުފެދޭ ކަމަށެވެ.

މާދަމާ އަށް އެޖެންޑާކުރި ކުއްލި މައްސަލައިގައި ސަލީމް ފާހަގަކުރެއްވި ގޮތުގައި:

  • ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފެށުމުގެ ކުރިން، 29 ހެކްޓަރުގެ ސަރަހައްދެއް ފިޔަވައި އެ ފަޅުގެ އީއައިއޭ އެއް ނުހަދާ
  • ސްރީލަންކާގެ ސީއެމްސީސީ އަށް 70 ހެކްޓަރުގެ ބިމެއް (ހުޅުމާލެން 10 ހެކްޓަރު، ފުށިދިއްގަރުފަޅުން 60 ހެކްޓަރު) ދޭން ނިންމި ނިންމުމަކީ ދައުލަތަށް ފައިދާ ބޮޑު ގޮތް ކަމެއް ވެސް އެނގޭނެ ގޮތެއް ނެތް

ސަލީމް ވިދާޅުވި ގޮތުގައި، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓުން ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު އުނިކުރުމުން ވެސް، ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމި ނިންމުމަކީ ގާނޫނުއަސާސީގައި ދައުލަތުގެ ބާރުތައް ތަރުތީބުކޮށްފައިވާ ގޮތާއި، އެއްބާރު އަނެއްބާރު ޖަވާބުދާރީކުރުވައި ޒިންމާދާރުކުރުވުމުގެ ހަމަ ސަރުކާރުން ނައްޓައިލި ކަމެކެވެ.

އެހެންކަމުން، ސަލީމް ވަނީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ތަފްސީލު ހާމަކުރުމަށާއި، މަޝްރޫއު ކުރިއަށް ގެންދަނީ ދައުލަތަށް މާލީ ގޮތުން އެންމެ ފައިދާ ހުރި ގޮތަށްތޯ ކަށަވަރުކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވައިފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުން ވެސް މިކަން ބެލުމަށް ސަލީމްގެ މައްސަލައިގައި ގޮވާލައްވާފައިވެއެވެ.

މި މަހުގެ 18 ވަނަ ދުވަހު ފެށި އެ މަޝްރޫއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ:

  • މަޝްރޫއު ނިމުމުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވާނެ ކަމަށް
  • ފުށިދިއްގަރުފަޅުގައި ތަރައްގީކުރަނީ 'ކާބަން ފްރީ' ސިޓީ އެއް ކަމަށް
  • އެ ސިޓީގެ ހުރިހާ ކަމެއް ކުރާނީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ކަމަށް

އެ މަޝްރޫއުގެ މަސައްކަތްތައް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ ސިޓީ އަށް ކިޔުމަށް ހަމަޖެހިފައި ވަނީ 'ރަސްމާލެ' ކަން ހާމަކުރައްވައިފައެވެ.

އެ މަޝްރޫއުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް، އާބަންކޯ އިން މީގެ ދުވަސްކޮޅެއް ކުރިން ބުނެފައިވެއެވެ.