މޫސުމަށް ސަމާލުވުމަށް އަންގައި ބ. އަތޮޅުން ފެށިގެން ކ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 1:00 އާ ދެމެދުގެ ވަގުތަށެވެ.
އެ ސަރަހައްދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެން ހެނދުނު 11:00 އަށް ލ. އަތޮޅުން ފެށިގެން އައްޑޫ ސީޓީއަށް ވައިޓް އެލާޓް ނެރެފައެވެ. އަދި އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މީގެއިތުރުން ށ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ވެސް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ. މިއަދު ހެނދުނު 7:00އިން ފެށިގެން މެންދުރުފަހު 1:00އާ ހަމައަށް އެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވާ އިރު، ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.
ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން މަނާ ވާނެއެވެ.
ރީނދޫ ސަމާލަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކައި ނެރޭ ސަމާލެކެވެ. މި ސަމާލު ނެރޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.