މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު، އިތުރު ބައެއްގެ އަތުން ފައިސާ ހޯދާފައިވޭތޯ ބަލަން ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ އެ އިދާރާގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދަނީ، ގ. ސިނަމާލެ 01 05-13، ޒައިދާން މުހައްމަދު ހާޝިމް މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ އަދަދަކަށް ފައިސާ ނަގާފައިވާކަމުގެ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބެލުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ ޒައިދާން މުހައްމަދު ހާޝިމް މަކަރާއި ހީލަތުން އޮޅުވާލައިގެން އެއްވެސް މީހެއްގެ އަތުން ފައިސާ ނަގާފައިވާނަމަ އެ މައުލޫމާތު ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގައި ހިއްސާކުރުމަށް އެދިފައެވެ.

ފަހަކަށް އައިސް މަކަރާ ހީލާތުން ފައިސާ ހޯދުމުގެ މައްސަލަ އިތުރުވަމުން އަންނައިރު، ކަމާ ގުޅޭ އިދާރާތަކުން އަންނަނީ މިފަދަ 'ސްކޭމް'ތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.