ފަސް އަހަރަށް ބަހާލައިގެން ކޮންމެ އޮޑިއަކުން އެއް ފަޅުވެރިއަކަށް ރެސްކިއު ޑައިވިންގެ ތަމްރީނު ދޭން ސަރުކާރުން ނިންމައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އެކަމާ ގުޅޭ މަޝްވަރާތައް ކުރުމަށް އިއްޔެ ބޭއްވި ކެބިނެޓަށް ހުށަހަޅުއްވާފައިވަނީ ފިޝަރީޒް މިނިސްޓްރީއިން ކަމަށެވެ.
ނާޒިމް ވިދާޅުވީ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދު ފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން، އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ފެންވަރަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް އިއްޔެ ނިންމާފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ ދިވެހި މަސްވެރިން ވެސް ފީނުމުގައި ވައި ފުޅިއަޅައިގެން ފީނަމުންދާ ކަމަށާއި އެކަމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ހިތާމަވެރި ހާދިސާތަކާ ދިވެހި މަސްވެރިންނަށް ކުރިމަތިވަމުންދާ ކަމަށެވެ. އަދި އެ ޕްރޮގްރާމަކީ ކުރިއަށް އޮތް ފަސް އަހަރަށް ބަހާލައިގެން ހިންގޭ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިކަމަށް ދައުލަތުން ހަރަދުކޮށްގެން ސަރުކާރު ގަބޫލުކުރާ ޓްރައިނިން ސެންޓަރުތަކުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މަސްވެރިން މޫދަށް ފީނައި އުޅުމުގެ ތެރޭގައި ހިތާމަވެރި ހާދިސާތައް ހިނގާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަސްވެރިކަން ކުރާ ކޮންމެ ދިވެހި ދޯންޏަކުން މަދުވެގެން އެއް ފަޅުވެރިއަކަށް 'ރެސްކިއު ޑައިވަރުން'ގެ ފެންވަރަށް ތަމްރީނު ހެދުމަށް މަގުފަހިކޮށްދެއްވާނެ ކަމަށެވެ.