ވަގުތީ ހައްލެއް ހޯދާ ދިނުމަށްފަހު ބ. ދޮންފަނަށް އަލުން ކަރަންޓްގެ ހިދުމަތް ދީފިއެވެ.
ދޮންފަނު އިންޖީނުގޭގައި ހިންގަމުން ދިޔަ ޖެނެރޭޓަރ ތަކަށް ދިމާވި މައްސަލަ އަކާ ގުޅިގެން މުޅި ރަށުން ކަރަންޓް ދިޔައީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.
އެރަށަށް ކަރަންޓް ހިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކަ ކުންފުނިން ބުނީ މައްސަލަ ދިމާވެފައި ވަނީ ޖެންސެޓަށް ކަމަށެވެ. ނަމަވެސް ދިމާވި މައްސަލައާ ގުޅޭ ތަފްސީލެއް ހާމަ ކޮށްފައި ނުވެއެވެ. އަދި މިހާރު އެ މައްސަލައަށް ވަގުތީ ހައްލެއް ހޯދާ ދިނުމަށްފަހު މުޅި ރަށަށް ކަރަންޓުގެ ހިދުމަތް އަލުން އަނބުރާ ފޯރުކޮށްދީފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ގިނަ ރަށްރަށަށް ފެނާއި ކަރަންޓު ފޯރުކޮށްދެމުންދާ ފެނަކައިގެ ހިދުމަތްތަކަށް ބުރޫ އަރާ މައްސަލަ މި ފަހުން ވަނީ އިތުރު ވެފައެވެ. އެގޮތުން މި މަހު ކުރީ ކޮޅު އައްޑޫ ސިޓީގައި ފެނުގެ ހިދުމަތައް ދިމާވި މައްސަލައަށް ހައްލު ނުލިބި ތިން ދުވަސްވެފައިވެއެވެ.
މި މައްސަލަ ފެން ޕްލާންޓަށް ދިމާވެފައި ވަނީ ތާވަލު ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށް އިސްކަންދީފައި ނުވާތީ އާއި ޔުޓިލިޓީ އޮތޯރިޓީން ނިޒާމުގެ އިންސްޕެކްޓްކޮށް ހައްލު ކުރަންޖެހޭ ކަންކަން އަންގާފައިވާ އުސޫލުގެ މަތިން ކޮށްފައި ނުވާތީ ކަމަށް ފެނަކަ އިން ވަނީ ބުނެފައެވެ.
އަދި ހަމައެހެންމެ މި ހުސްވި ހަފްތާގެ ތެރޭގައި ޅ.ނައިފަރުންވެސް ފެން ކެނޑި އެކަމަށް ހައްލެއް ނުލިބި ގަޑިއިރު ތަކެއް ވަނީ ފާއިތުވެފައެވެ. އަދި އެ މައްސަލަ ދިމާވީ ގޭބީސީ ތަކުގެ އަދަދު އިތުރުވެ ފެނުގެ ޑިމާންޑް އިތުރުވުމުން ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
މި މައްސަލަތަކާ ގުޅޭ ގޮތުން ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު ފެނަކައިން ބުނީ މި ހުރިހާ މައްސަލަތަކަށް ވެސް ދާއިމީ ހައްލެއް ފޯރު ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.