ޑިސެމްބަރު 26 އަކީ ދިވެހިންގެ ހަދާނުން ފޮހެލަން ދަތި ދުވަހެކެވެ. މީގެ 19 އަހަރު ކުރިން، ޑިސެމްބަރު 26، 2004 ވީ އާދިއްތަ ދުވަހަކީ ރާއްޖެ ދުށް ބިރުވެރި ނާމާން ދުވަހެކެވެ. އެ ދުވަހު ރާއްޖޭގެ 191 ރަށަކަށް ސުނާމީގެ އަސަރު ކޮށްފައިވާ އިރު، ބައެއް ރަށްރަށަށް އެރި ރާޅާއެކީ މުޅި ރަށް އެކީ ދޮވެލިއެވެ.
ސުނާމީ އެރުމުގެ ކުރިން އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، އިންޑޮނޭޝިއާގެ ސުމަޓްރާގެ ހުޅަނގު އުތުން ގާތްގަނޑަށް ކަނޑުގެ 10 ވަރަކަށް ކިލޯމީޓަރު އަޑިއަށް ރެކްޓަރު މިންގަނޑުން 9.3 މެގްނިޓިއުޑްގެ ބާރުމިނުގައި ބިން ހެލުމެއް އައެވެ.
އެ ދުވަހު ރާއްޖޭގެ ބައެއް ރަށްރަށުގައި ތިބި މީހުންނަށް ލޮޅުމެއް އައި ކަމުގެ އިހްސާސް ވި ކަމަށް ބުނެއެވެ. ވެރިކަން ކުރާ ރަށް މާލޭގައި ހުރި އުސް އިމާރާތްތަކުގެ ތިބި މީހުންނަށް މި ލޮޅުން އިހްސާސް ކުރެވުނު ކަމަށް ބުނި ނަމަވެސް އެއީ ހީއެއް ކަމަށް ގަބޫލުކޮށްގެން ތިއްބާ އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެއަށް އެރި ސުނާމީއަކީ އެ ބިންހެލުމާ ގުޅިގެން އައި ރާޅެއް ކަމަކަށް އެއްވެސް މީހަކު ގަބޫލެއް ނުކުރެއެވެ. އެންމެންނަށް ވެސް ހީވީ އުދަ އަރަނީ ކަމަށެވެ. ސުނާމީގައި ބޮޑަށް ގެއްލުންވި، ރަށްރަށުގެ މީހުން ގަބޫލު ކުރީ އެ ދުވަހު އެ ރަށް އަޑިއަށް ދަނީ ކަމަށެވެ.
މި ހާދިސާގައި 13 އަތޮޅެއްގެ 28 ރަށަކުން މީހުން މަރުވި އިރު ދ އަތޮޅަކީ މި ކާރިސާގައި ބޮޑު ވަރުވީ އެއް އަތޮޅެވެ. އެ އަތޮޅުން ޖުމްލަ 13 މީހުން މަރުވި އިރު، ދ ގެމެންދޫން 8 މީހުން މަރުވި އިރު، ދ. ރިނބުދޫން 2 މީހުން އަދި ދ. ވާނީން އެކަކު މަރުވިއެވެ. މީހަކު މަރު ނުވި ނަމަވެސް ދ. ހުޅުދެއްޔަކީ ވެސް ބޮޑުވަރުވީ ރަށެކެވެ.
ދ. ހުޅުދެލި، ސައްކެއޮގެ، އުމުރުން 58 އަހަރުގެ ހަދީޖާ ގާސިމް އެ ދުވަހުގެ ހަނދާންތައް 'ދަ ޕްރެސް' އާ ހިއްސާ ކުރަމުން ބުނީ، އެއީ އޭނާގެ ހަޔާތުގައި ފެނުނު އެންމެ ހިތްދަތި ދުވަސް ކަމަށެވެ. އަދި ވެސް އެ ހަނދާންތައް އިއްޔެ ވީ ކަމެއް ހެން ހަނދާނުގައި ހަރުލާފައި ހުންނަ ކަމަށާއި އެ ދުވަސް ހަނދާން ވުމުން އަދިވެސް އޭނާއަށް ނަފްސާނީ ގޮތުން އެތައް އަަސަރުތަކެއް ކުރާ ކަަމަށް ހަތަރު ދަރިން ހުންނަ ހަދީޖާ ބުންނެވެ.
ސުނާމީ އެރި ދުވަހު އޭނާއަށް ރާޅު އަރައިގެން ރަށުތެރެއަށް ފެތުރެމުންދިޔަ ލޮނުގަނޑު ފެނުނު ކަމަށް ހަދީޖާ ބުނެއެވެ. ފަޅުތެރެ އެއްކޮށް ހިކިފައި އޮވެފައި، ދެން އިވުނީ ބަޔަކު ހަޅޭއްލަވަން ފެށި އަޑު ކަމަށް އޭނާ ބުނެއެވެ. އެ ރާޅު އަރައިގެން ރަށުތެރެއަށް ފެތުރެމުން އައިސް އޭނާ ދިރިއުޅޭ ގެއާ ހަަމައަށް އަންނަން ދެން ބަލަން ހުރެވުނީ ކަމަށް ހަދީޖާ ބުނެއެވެ.
ރާޅު ގޭތެރެއަށް ވަނުމާ އެކު ހަދީޖާ ދުއްވައިގަތީ އޭނާގެ ދަރިން ހޯދާށެވެ. އެކަކު އަނެކަކު ވީ ތަނެއް ބަލަން އެ ވަގުތު ނޭގުނު ކަމަށާއި އެމީހަކު ބެލީ އެމިހެއްގެ ސަލާމަތް ހޯދޭތޯ ކަމަށް ހަދީޖާ ބުނެއެވެ. އޭނާގެ ބޮޑު ދަރިފުޅު އެއް ކުއްޖަކު ގޮވައިގެން ދިއުމުން ދެން ހުރި ކުއްޖާ ގޮވައިގެން އޭނާ އެތަނުން ހިނގައިގަތެވެ. އެމީހުން ނުކުމެ އެގޭގެ ހަތަރު އަނގޮޅިއަށް ވީ ހިސާބުގައި ރާޅުތެރޭ ގެނބި ހާލުގައި އުޅެން ޖެހުނު ކަމަށް ހަދީޖާ ބުންޏެވެ.
ރާޅު ތެރޭގައި ގެނބި އަޑިއަށް ގޮސް މައްޗަށް އެރިއެވެ. އޮޔާ ގޮސް ތަންތަނަށް ލައްގާ، ރާޅާ އެކީ ގޮސް ގެއެއްގެ ފުލަފުތެރެއަށް ވެއްދި ކަމަށް އޭނާ ބުނެއެވެ. ދެން މީހަކު ބޭރުން ގޮވާލީމައި ބޭރަށް ނިކުމެ ފަތަމުން ފަތަމުން ގޮޮސް އެރަށުގެ މިސްކިތަށް އެރީ ކަމަށާއި މިސްކިތަށް ވަދެ އެތާ ހުއްޓާ އެ ސަރަހައްދުން ވެސް މީހަކު ގޮވާލާފައި މިސްކިތުން ނިކުންނަން ބުނި ކަމަށާއި އަނެއްކާ ރާޅު އަރައިފިއޭބުނި ކަމަށް ހަދީޖާ ކިޔައިދިނެވެ.
އެ ވަގުތު މިސްކިތުގައި ވެސް ގިނަ އަަދަދެއްގެ މީހުން ތިބި ކަމަށާއި މިސްކިތުގައި ތިބި މީހުންވެސް ނިކުމެގެން އެންމެން ރަށުގެ އަނެއްކޮޅަށް ދިއުމަށް ހިނގައިގެން ކަމަށް ހަދީޖާ ބުނެއެވެ. އެހިސާބަށް ދިޔައިރު އޮއެވަރު މަޑު ވެއްޖެ ކަމަށާއި ލޮނުގަނޑު ވެސް ހިނދެން ފަށައިފިއެވެ. ދެ ކުދިން ގޮވައިގެން އެހިސާބަށް ދިޔަފަހުން، ދެން ކުއްޖާ ވެސް ފެނުނީ އެތަނުން ކަމަށް އޭނާ ބުނެއެވެ.
އެއަށް ފަހު ގޯތި ހުރި ސަރަހައްދަށް ނުދާ ކަމަށް އޭނާ ބުންޏެވެ. އެކޮޅުގައި އެމީހުން ތިބެފައި ދުވަސްކޮޅެއް ކޮށްފައި ގޯއްޗަށް އެނބުރި އައީ އެހެން މީހުންވެސް އެނބުރި ގޯއްޗަށް ދާތީ ކަމަށް ހަދީޖާ ބުންޏެވެ. އޭރު ގޭތެރޭގެ ހާލަތު އޮތް ގޮތް އޭނާ ސިފަކޮށް ދެމުން ބުނީ، ގޭތެރޭގައި ހިފާ ގެންގުޅޭ އެއްވެސް އެއްޗެއް ހުރީ ބޭނުން ނުކުރޭވޭ ހާލަތުގައި ކަމަށެވެ. ފަރުނީޗަރަކަސް، ގޮދަޑިއަކަސް ބޭޑްޝީޓަކަސް ލާ އަންނައުނަކަސް ބޭނުންކުރެވޭ ހާލަތުގައި އެއްވެސް އެއްޗެއް ނެތެވެ. ސުނާމީއާ އެކީ މުޅި ދިރިއުޅުން ދޮވެލާފައިވާ ފަދަ ގޮތަކަށް އެ ދުވަސް އޭނާ ސިފަކުރިއެވެ.
ރަށުގެ ރާޅު އަރައި އެންމެ ބޮޑުވަރުވީ ސަރަހައްދުގައި ދިރިއުޅެން އޭރު ނުކެރުމުން ރަށުގެ އަނެއް ފަރާތުގައި ދިރިއުޅޭ އޭނާގެ އެއްބަނޑު މީހެއްގެ ގެއަށް ދެން ބަދަލުވިއެވެ. އެއްބަނޑު މީހާގެ ގޭގައި 12 ވަރަަކަށް ދުވަހު އުޅެފައި ދެން އޭނާ ބަދަލުވީ އޭނާގެ ބައްޕަގެ ގޯއްޗަށެވެ. އެ ގޭގެ ހާލަތުވެސް ވަރަށް ގޯސް ކަމަށް އޭނާ ކިޔައިދިނެވެ.
އެ ހާދިސާއަށް ފަހު ދިރިއުޅުނީ ވަރަށް ދަތި ހާލުގައެވެ. އެ ކާރިސާގައި ހަށިގަނޑަށް ލިބުނު އަނިޔާތައް ކިޔައިދެމުން ގައިގެ ތަންތަން ކަފައިގެން ދިޔަ ކަމަށާއި ހަން މަށައިގެން ގޮސްފައި ހުރި ކަމަށް އޭނާ ބުނެއެވެ. އެ ހާދިސާއަށް ފަހުން ބިރުން ހުން ވެސް އައި ކަަމަށާއި ރަށުގެ އެންމެން ވެސް ތިބީ ނަފްސާނީ ވެފައި ކަމަށް އޭނާ ބުނެއެވެ.
ސުނާމީ ހާދިސާގައި 82 މީހުން ރާއްޖެއިން މަރުވި އިރު، 26 މީހަކު ގެއްލުނެވެ. އެހެން ކަމުން ރާއްޖެ ސިއްސުވާލި ބޮޑު ރާޅުގެ ހާދިސާގައި ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 108 އެވެ.
މިއީ ދިވެހިންގެ ހިތްތަކުން ފޮހެލަން ދަތި ހަނދާންތަކެކެވެ. ސުނާމީއަށް ފަހު މުޅި ދިރިއުޅުން ހުއްޓުނު އެތައް އާއިލާއެއް ތިއްބެވެ. އާއިލާގެ މެންބަރުން ވަކިވެގެން ދިއުމުން އެ ހިތްދަތި ކަމުގައި ދުވަސްތައް ހޭދަ ކުރި އެތައް އާއިލާއެއްވެސް ތިއްބެވެ. ބޯހިޔާވަހިކަން ގެއްލި އުޅެމުން ދިޔަ ރަށް ދޫކޮށް އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކުރަން ޖެހުނު އެތައް ބަޔަކު ތިއްބެވެ. އަދިވެސް މި ހަނދާންތައް އެމީހުންގެ ހިތްތަކުގައި ވަނީ ބިންވަޅު ނެގިފައެވެ.