މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތި ދިނުމަށް ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގުޅިފަޅާއި ގިރާވަރުފަޅު ޖެނުއަރީ މަހު މެދު ތެރޭގައި ހިއްކަން ފަށަން ހައުސިން މިނިސްޓްރީ އިން ނިންމައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ގަވައިދުގައި ވާގޮތަށް ތިމާވެއްޓަށް ގެއްލުންނުވާނެހެން ގުޅިފަޅު އަދި ގިރާވަރުފަޅު އަންނަމަހުގެ މެދުތެރޭގައި ހިއްކަން ފަޓާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ނިންމާފައެވެ.

ގާނޫނު ބަދަލުކޮށްގެން ކުރީ ސަރުކާރުން ގޯތި ދީފައިވާއިރު ހައުސިން މިނިސްޓްރީ އިން ބޭނުންވަނީ ގަވައިދުން ރަށްތައް ހިއްކާފައި ގޯތިތަކުގެ ރަޖިސްޓްރީ ދޭން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރީ ނުލިބިތިބި މީހުންނަށް ގޯތި ލިބުނުކަން އަންގައިދޭ ލިޔުމެއް ނުވަތަ ސެޓްފިކެޓްއެއް ދޭން ހައުސިން މިނިސްޓްރީއިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތަށް ކަން ކުރި ނަމަވެސް ގެޒެޓް ކޮށްފައިވާ ގޯތިތައް ނުގެއްލޭނެ ކަމަށާއި ގޯތި ލިބޭނެ ކަމުގެ ޔަގީންކަން މީގެކުރިން ހައުސިން މިނިސްޓްރީ އިން ވަނީ ދީފައެވެ.

ހައުސިން މިނިސްޓްރީ ބުނެފައިވަނީ (ލޭންޑް ޔޫސް ޕްލޭން) އެލްޔޫޕީއަށް އަންނަ ބަދަލުތަކާއެކު ގޯތި ސްލޮޓް އަށް ކުޑަ ބަދަލެއް އައިސްދާނެ ކަމަށެވެ. ނަމަވެސް އެލިބިފައިވާ ރަށުން ގޯތި ލިބޭނެ ކަމަށާއި އެހެން ރަށަކަށް ބަދަލެއް ނުވާނެކަމުގެ ޔަގީންކަން ވެސް އެ މިނިސްޓްރީ އިން ވަނީ ދީފައެވެ.

ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ސަރަހައްދުން ގޯތި ދޭން ނިންމާފައިވީ ނަމަވެސް ލޮކޭޝަންއަށް ކޮންމެސް ވަރެއްގެ ބަދަލެއް އަންނާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ފޭސް 2 އިން ގޯތި ދިނުމުގެ މަސައްކަތް މިވަގުތަށް ހުއްޓިފައި ވަނީ ކުރީގެ ކުރެހުމުގައި ބައެއް ގޯތި މަގަށް އަރުވާފައި ހުރުމުން ކަމަށާއި ފޭސް 2 ގެ އާ އެލްޔޫޕީ ނިމުމުން އެ ސަރަހައްދުން ގޯތި ދޫކުރަން ފަށާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު، ގުޅިފަޅުން 2،218 ގޯތި ދޫކުރާނެއެވެ. އަދ ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ.