"ދެރިޔާ"ގެ ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ޑައިރެކްޓްކޮށް ގެނެސްދޭން ނިންމާފައިވާ "ލަސްވިޔަސް" އަންނަ އަހަރު ސިނަމާގައި އަޅުވަން ނިންމައިފިއެވެ.

މީގެ 25 އަހަރު ކުރިން ޓެޑްރީ ޕްރޮޑިއުސްކުރި ފިލްމް "އަމާނާތް" އަށް ފަހު އޭނާގެ "ލަސްވިޔަސް" އިއުލާންކުރީ 2017 ވަނަ އަހަރުގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މި ފިލްމުގެ ޝޫޓިން ލަސްވަމުން ދިޔަ ދަނޑިވަޅުގައި ކޮވިޑްގެ ވަބާ ކުރިމަތިކުރުވިއެވެ. އޭގެ ސަބަބުން ފިލްމު އިތުރަށް ލަސްވެގެން ދިޔައެވެ. ނަމަވެސް ދިގު އިންތިޒާރަކަށްފަހު ހަ އަހަރުފަހުން މި ފިލްމު ބެލޭނެ ކަމުގެ އުންމީދު އާވެގެން ދިޔައީ ޓެޑްރީ ގެ ފިލްމު ރިލީޒްކުރާ ދުވަސް އިއުލާންކުރުމާއެކުގައެވެ. އަންނަ އަހަރުގެ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު ކުރިއަށް އޮތް ހަފްތާގައި ފިލްމުގެ ޓްރެއިލާ ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.

"ލަސްވިޔަސް" ގެ ހާއްސަކަމުގެ ތެރޭގައި ފިލްމީ ދާއިރާގެ ބަތަލެއްގެ ރޯލުން މީގެ ކުރިން ގިނަ ފިލްމުތަކާއި ލަވަތައް ކުޅުއްވައި، އެ ދާއިރާއާ ދުރަށް ޖެހިވަޑައިގެން ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ދާއިރާގައި އުޅުއްވި ކުރީގެ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި މޫސާ މަނިކު (ރީކޯ މޫސަ)ގެ ފެނިލުމެއް މި ފިލްމުގައި ހިމެނިފައިވެއެވެ. ޓެޑްރީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކުރާ ފިލްމު ލަސްވިޔަސްގެ ލީޑް ރޯލުން ފެންނާނީ މަޝްހޫރު އެކްޓަރު ނިއުމާ މުހައްމަދުގެ އަންހެން ދަރިފުޅު ޒޯޔާ ހަސަންއެވެ. އޭ ގެއިތުރުން އަހުމަދު އީސާ (އާނަންދު) އަދި މަރިޔަމް ޝިފާ ވެސް މި ފިލްމުން ފެންނާނެއެވެ.