ކުޅުދުއްފުށީގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލާއެކު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު މުހައްމަދު އާތިފްއެވެ. ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީންއެވެ.

މި އެއްބަސްވުމުގެ ދަށުން އެއާޕޯޓް އިންވެގެން ކުޅި ހިމެނޭހެން އުތުރަށް އޮތް ހުސްބިމުގައި ޓުއަރިޒަމް ޒޯނެއް ތަރައްގީކުރުމަށާއި، އަދި އާރްއޭސީއެލްގެ ފަރާތުން ޓުއަރިޒަމް ޒޯން ތަރައްގީކުރުމަށް ބޭނުންވާ ފަންޑިން ނުވަތަ އިންވެސްޓަރުން ހޯދުމަށް ވަނީ އެއްބަސްވެފައެވެ.

އާރްއޭސީއެލް އިން ބުނީ މި މަޝްރޫއުގެ އެންމެ މައިގަނޑުއެއް ބޭނުމަކީ، މިވަގުތު އެބިމަކީ ބޭނުމެއް ނުކުރެވި އޮތް ހުސްބިމަކަށްވާތީ އާއި ކުޅުދުއްފުއްޓަށާއި އަދި ކުޅުދުއްފުށީގެ ރައްޔިތުންނަށްވެސް އެންމެ މަންފާކުރާނެ މަޝްރޫއެއް އެބިމުގައި ކުރިއަށް ގެންދިއުން ކަމަށެވެ. އަދި މިފަދަ ތަރައްގީއެއްގެ ސަބަބުން، ކުޅުދުއްފުށި ސިޓީ އާއި ކުޅުދުއްފުށީގައިވާ އެހެނިހެން ގެސްޓްހައުސްތަކާއި ވިޔަފާރިތައް އިތުރަށް ދުނިޔޭގައި މާކެޓްވެގެންދާނެ ކަމަށް އރްއޭސީއެލް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ މިފަދަ މަޝްރޫއެއްގެ ސަބަބުން، ކުޅުދުއްފުށި އެއަރޕޯޓަށް ފްލައިޓް މޫވްމަންޓަތައް އިތުރުވެގެން ދާނެކަމަށެވެ. އަދި އިގްތިސާދީ އިތުރު ކުރިއެރުން ރަށަށް ލިބުމުގެ އިތުރު ވަޒީފާގެ ފުރުސަތު އުފައްދައި ދިނުމަކީ އާރްއޭސީއެލްގެ އެއް އަމާޒުކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އާރްއޭސީއެލް އާއި އަހްމަދު މުބީން ހަވާލުވެވަޑައިގެންފަހުން، ވަރަށް ގިނަ މަޝްރޫއުތައް ފެށުމާއެކު، އިންގިލާބީ ބަދަލެއް ކުންފުންޏަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އޭނާގެ އަމާޒަކީ، އިތުރު ކޮމާޝަލީ ވައިބަލް ވާ މަޝްރޫއުތަކަށް އިންވެސްޓްކޮށް ސަރުކާރުގެ މާލީއެހީއަށް ބަރޯސާވެފައި އޮތްއޮތުން ކުރިއަށް އޮތް 03 އަހަރު ތެރޭ ނިމުމަކަށް ގެނެސް، ފައިދާ ނެރޭ ކުންފުންޏަކަށް ހެދުމެވެ.

މިވަގުތު އާރްއޭސީއެލްގެ ފަރާތުން ޖުމްލަ 07 އެއާޕޯޓެއް އޮޕަރޭޓްކުރަމުން ދެއެވެ.