މާޝަލް އައިލެންޑްސްގައި ރަޖިސްޓްރީކޮށް، ބީއެސް ސްޓާ ޝިޕިން އިންކް ކުންފުނިން އޮޕަރޭޓް ކުރާ "ކަޓީނާ" ރާއްޖެއިން ފުރުން މަނާކޮށް ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.

މި ޔޯޓު ރާއްޖެއިން ފުރުން މަނާކޮށް އިއްޔެ ސިވިލް ކޯޓުން ނެރުނު އަމުރުގައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ މައްސަލައިގައި ސެޕްޓެމްބަރު 7، 2021 އިން ފެށިގެން މާޗް 21، 2022 އަށް އެ ކުންފުނީގެ އެޖެންޓް ކަމުގައި 'ކަޓީނާ' ރާއްޖެ އައިސް ހޯދާފައިވާ ހިދުމަތްތަކަށް ފައިސާ ދައްކާފައި ނުވާކަމަށެވެ.

މި މައްސަލައިގައި ސީލް މޯލްޑިވްސް އިން ވަނީ ކަޓީނާ އިން ނުދައްކާ ހުރި ފައިސާ އާއި އިންވޮއިސްގެ ދަށުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހި، ނުދައްކާ އޮތް 180،301.35 ޑޮލަރު ނުދައްކަނީސް އެ ޔޯޓު ރާއްޖެއިން ފުރުމުގެ ހުއްދަ ނުދިނުމަށްވަނީ އެދިފައެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ސީލް މޯލްޑިވްސް އިން ކުރާ ދައުވާ އާއި ގުޅިގެން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު މައްސަލަ ކޯޓުން ނުނިމެނީސް، ކަޓީނާ ރާއްޖެއިން ފުރައިގެން ގޮސްފިނަމަ ސީލް މޯލްޑިވްސްއަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ސިވިލް ކޯޓުން ވަނީ ބުނެފައެވެ. އެހެންކަމުން ކޯޓުން ވަކި އެއްޗެއް އަންގަންދެން ކަޓީނާ ފުރުން މަނާކޮށް، ބީއެސް ސްޓާ ޝިޕިން އިންކްގެ އައިރު ހާޒިރުގައި ވަނީ މި މައްސަލަ ނިންމާފައެވެ. މި ގޮތުން ކަޓީނާއަށް ރާއްޖެއިން ފުރައިގެން ދެވޭނީ ދައްކަންޖެހޭ ފައިސާ ކޯޓުގައި ބެހެއްޓުމަށްފަހު ކަމަށްވެސް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.