ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މީޑިއާ އޮފިޝަލް ނިޝާން މުހައްމަދު ދީދީ ވިދާޅުވީ އެފަދަ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީ އަށް ހުށަހަޅާފައި ވަނީ ބިޑު ނުކޮށް އަދި ބަޖެޓުގައި ނުހިމަނާ މަޝްރޫއު ފެށުމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ.

އަންނަ އަހަރަށް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު ހުށަހެޅިއިރު ފުށިދިއްގަރުފަޅު ހިއްކުމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ 400 މިލިއަން ރުފިޔާ ހިމަނާފައެވެ. ނަމަވެސް މަޖިލީހުގެ ބަޖެޓް ކޮމިޓީއިން އަންނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓު ފާސްކޮށްފައި ވަނީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއަށް ކަނޑައެޅި ފައިސާ އުނިކުރުމަށް ފަހުގައެވެ.

ފުށިދިއްގަރު ފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައި ވާއިރު، އެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މި މަޝްރޫއާއެކު މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމަށް ހައްލު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ފުށިދިއްގަރުފަޅު ތަރައްގީ ކުރައްވާނީ "ރަސްމާލެ"ގެ ނަމުގައި، ޒީރޯ ކާބަން ސިޓީއެއްގެ ގޮތުގައި ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ސިޓީ ތަރައްގީކުރާނީ "މޯލްޑިވްސް އީކޯ ސިޓީގެ" ގޮތުގައިކަމަށާއި އެ ސިޓީގެ ހުރިހާ ކަމެއް ކުރާނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މި މަޝްރޫއަކީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.