ކުވޭތުގެ އަމީރުކަމުގެ މަގާމަށް ޝެއިހް މިޝްއަލް އަލް އަހްމަދު އަލް ޖާބިރު އަލް ސަބާހް އިސްވެވަޑައިގަތުމާއި އަދި މިސްރުގެ ރައީސްކަމުގެ މަގާމުގެ އާ ދައުރަކަށް އަބްދުލް ފައްތާހް އަލް ސީސީ އިންތިހާބުވެވަޑައިގަތުމާއި ގުޅިގެން އެ ދެ ބޭފުޅުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

އެ ދެބޭފުޅުންނަށް ފޮނުވި މެސެޖުގައި ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސް ފޮނުއްވި މެސެޖުގައި ދިވެހިރާއްޖެއާއި ކުވޭތާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ދެމެހެއްޓެނިވި ގުޅުން ބިނާވެފައިވަނީ ދެ ގައުމުންވެސް ކުރާ އިތުބާރާއި، އިހުތިރާމުގެ އިތުރުން އިސްލާމީ ރިވެތި އަހްލާގުގެ ސަބަބުން އުފެދެމުންދާ ސަގާފީ، ތާރީހީ ގުޅުމުގެ މައްޗަށް ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ އިޖްތިމާއީ އިގްތިސޯދީ މަގްސަދުތައް ކުރިއެރުވުމުގައި ކުވޭތުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަން ފާހަގަ ކުރައްވާ ރައީސް ވަނީ ކުވޭތުގެ ފަރާތުން ރާޖެއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއިން ބަލައިގަންނަކަމަށާއި، އެކަމުގެ އަގުވަޒަންކުރާކަމުގައި ވިދާޅުވެފައެވެ.

އާ އަމީރުގެ ޒައާމަތުގައި ކުވޭތު ތަރައްގީގެ އާ އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަގީންކަން އޮތްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ފެށިގެންދާ އާ ދައުރުގައި ކުވޭތާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިސްރުގެ ރައީސްއަށް ފޮނުވި މެސެޖުގައި ވިދާޅުވީ ތިންވަނަ ދައުރަކަށް ސީސީ ހޮވިވަޑައިގަތުމަކީ މިސްރުގެ ރައްޔިތުން އެމަނިކުފާނުގެ ވެރިކަމަށް ކުރައްވާ އިތުބާރު ދޭހަވާކަމެއް ކަމަށާއި ސީސީގެ ވެރިކަމުގައި މި ފެށުނު އާ ދައުރުގައި މިސްރަށް ފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖެއާއި މިސްރާ ދެމެދު އޮންނަ އެކުވެރިކަމުގެ ތާރީހީ ގުޅުމަކީ އިސްލާމީ އެއްބައިވަންތަކަމާއި، ދެފަރާތަށް އިހްތިރާމްކުރުމާއި، ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި އެކި ދާއިރާތަކުން މިސްރުގެ ފަރާތުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރައްވިއެވެ.