މާލެ ސިޓީއަށް އުފަން ނަޝްފާ އަހުމަދު ޝަމީމާއި ހދ. ނޭކުރެންދޫ ހުސައިން ޝިފާއުއަށް ދެވަނަ ދަރިފުޅެއް ލިބެން އުޅޭ ކަމުގެ އުފަލާއެކު އެ ދެމަފިރިންވެސް ދިޔައީ ދުވަސްތައް ގުނަމުންނެވެ. އެހެންނަމަވެސް ނަޝްފާގެ ބަނޑަށް 7 މަހުގައި (32 ހަފްތާ) ހެދި ސްކޭނުން އޭނާގެ ބަނޑުގައިވާ ދަރިފުޅުގެ މައްސަލައެއް ހުރިކަމަށް ޑޮކްޓަރަށް ދެނެގަނެވުމާއެކު އިތުރަށް ޔަގީންކުރަން އެމްއާރްއައި ސްކޭނެއް ހެދިއެވެ. އެ ސްކޭނުން ޔަގީންވެގެން ދިޔައީ ނަޝްފާގެ ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ވައަތު ފަރާތު ކިޑްނީގައި ޓިއުމަރެއް އުފެދިފައި ވާކަމެވެ.

ޔުމާން--

"ދަ ޕްރެސް" އާ ވާހަކަދައްކަމުން ޑޮކްޓަރުންނާ ހަވާލާދީ ނަޝްފާ ބުނީ އެ ހިސާބުން ތުއްތު ދަރިފުޅު ނަގަން އަންހެނުންގެ ހާއްސަ ޑޮކްޓަރު އިރުޝާދު ދިން ނަމަވެސް އެ ދަރިފުޅު ވެގެންދާނީ ދުވަސް ނުފުރޭ ކުއްޖަކަށް ވުމާއެކު އިތުރު މައްސަލަތައް ކުރިމަތިވާނެ ކަމަށް ބުނެ ކުޑަކުދިންގެ ޑޮކްޓަރު ބޭނުންވީ އިތުރަށް މަޑުކޮށްލަން ކަމަށެވެ. އަދި އުފަންވުމުގެ ކުރިން ތުއްތު ކުއްޖެއްގެ ކިޑްނީގައި ޓިއުމަރެއް އުފެދިފައިވާ ސިއްހީ މައްސަލައެއް މިހާތަނަށް ރާއްޖޭގައި ފެނިފައި ނުވާ ކަމަށް ޑޮކްޓަރުން ބުނަމުން ދިޔަ ކަމަށް ނަޝްފާ ބުންޏެވެ.

ނަޝްފާއާއި ޝިފާއުގެ ފުރަތަމަ ދަރިފުޅަކީވެސް 33 ހަފްތާގައި ދުވަސް ނުފުރާ ވިހާފައިވާ ކުއްޖަކަށް ވުމާއެކު އެ ހިތްދަތި ތަޖުރިބާ ނަޝްފާ ވަނީ ކޮށްފައެވެ. ނަޝްފާ ބުނީ ދުވަސް ނުފުރާ ވިހާއިރު ދަރިފުޅުގެ ކިޑްނީގައިވާ ޓިއުމާ ނެގުމަށް އޮޕަރޭޝަނެއް ކޮށްފިނަމަ އުޅެން ޖެހޭނެ ހާލު އޭނާއަށް އަންދާޒާ ކޮށްލެވޭ ކަމަށާއި ފުރަތަމަ ދަރިފުޅު ދުވަސް ނުފުރާ ވިހައިގެން އުޅުނު ހާލު މިހާރުވެސް އޭނާގެ ހަނދާނުގައި އެބަހުރި ކަމަށެވެ.

"ފުރަތަމަ ކުއްޖާވެސް 33 ހަފްތާގައި ދުވަސް ނުފުރާ ވިހެއީ، އަޅުގަނޑަށް އެނގޭ އުޅުނު ހާލު ގާތުންވެސް ނުބޮވޭ ސަމްސަލުން ނަގައިގެންދެނީ. އެހެންވީމާ އެކަހަލަ ކަންތައްތައް އުޅެންޏާ ބޮޑު އޮޕަރޭޝަނެއް ކޮށްފައި އަދި ގާތުން ނުބޮވެންޏާ އިތުރު މައްސަލަތައް ކުރިމަތިވާނެތީ ޑޮކްޓަރުން ބުނެލީ ވީހާވެސް ކައިރި ކޮށްލަން"
ނަޝްފާ

ދުވަސް ނުފުރާ ނަޝްފާގެ ދަރިފުޅު އުފަންކޮށްފިނަމަ ދިމާވެދާނެ އިތުރު މައްސަލަތަކަށް ބަލާ، ޑޮކްޓަރުން ނިންމީ އިތުރަށް ބަލާލަން މަޑުކޮށްލުމަށެވެ. އެގޮތުން ޑޮކްޓަރުން ދިން އިރުޝާދާއެކު ނަޝްފާ އައީ ކޮންމެ ދެ ހަފްތާއަކުން ޑޮކްޓަރަށް ދައްކަމުންނެވެ. އަދި އޭނާގެ ބަނޑަށް 33 ހަފްތާގައި ހެދި ސްކޭނަށް ވުރެ 35 ހަފްތާގައި ހެދި ސްކޭނުން، ތުއްތު ދަރިފުޅުގެ ކިޑްނީގައި އުފެދިފައިވާ ޓިއުމާ ބޮޑު ކަމަށް ޑޮކްޓަރުން ބުންޏެވެ.

އެންޔޫ ހޮސްޕިޓަލްގެ ޑިސްޗާޖް ސަމަރީ--

އިތުރު ކޮމްޕްލިކޭޝަނާ ކުރިމަތިވެ ލޭ ފައިބަން ފެށުން

އެއީ މިދިޔަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ރެއެވެ. 36 ވަނަ ހަފްތާ ފެށިގެން ދިޔައީ ނަޝްފާ އަށް އިތުރު އުނދަގޫތަކާއެކު ގައެވެ. އެ ހަފްތާގައި ލޭ ފައިބަން ފެށުމުން ޑޮކްޓަރުން ނިންމީ ނަޝްފާ ވިއްސާފައެވެ. ވިހެއުމަށްފަހު ތުއްތު، ޔުމާން ހުސައިން ޝިފާއުގެ ސީޓީ ސްކޭނެއް ހަދަން ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު ބޭނުންވި ނަމަވެސް ތުއްތު ކުއްޖަކަށް ވަރުގަދަ ރޭޑިއޭޝަނެއް ދިނުމަށް ކުޑަކުދިންގެ ޑޮކްޓަރު ދެކޮޅެވެ. އަދި ކުޑަކުދިންގެ ޑޮކްޓަރު ލަފާ ދެމުން ދިޔައީ ރާއްޖެއިން އެކަމަށް ދެވޭނެ އިތުރު ފަރުވާއެއް ނެތުމާއެކު ޔުމާން ރާއްޖެއިން ބޭރަށް ފޮނުވާލުމަށެވެ. އެހެންނަމަވެސް ޔުމާން ބޮޑުވާ ވަރަކަށް ޓިއުމާ ކުޑަވެދާނެ ކަމަށް ބަލާ 5 އަހަރު ވަންދެން ގަވާއިދު ޑޮކްޓަރަށް ދައްކަން އިރުޝާދުދީ ހޮސްޕިޓަލުން ދޫކޮށްލީއެވެ.

ނަޝްފާ ބުނީ ހޮސްޕިޓަލުން ޔުމާން ދޫކޮށްލިތާ ތިން ދުވަސްފަހުން ރީނދޫ ވޭތޯ ބެލުމަށް ޓެސްޓު ހަދަން ޑޮކްޓަރު ދީފައިވާ ކަމަށާއި އެހެންނަމަވެސް އޭގެ ކުރިން ރީނދޫގެ އަލާމާތްތައް ފެންނަން ފެށުމުން ޑޮކްޓަރަށް ދެއްކުމުން ބުނީ ރީނދޫގެ ލެވެލް ހުރީ ހަށިގަނޑަށް ނުރައްކާވާ ހިސާބުގައި ކަމަށެވެ. އަދި އޭގެ ސަބަބުން ޔުމާންގެ ސިކުނޑިއަށް ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ ފަރުވާދެމުން ގެންދިޔައީ އެންއައިސީޔޫގައި ބާއްވައިގެންނެވެ.

އައިޖީއެމްއެޗްގެ ކުޑަކަމުދާ ނިޒާމާ ބެހޭ ޑިޕާޓްމަންޓް ހިންގަމުން ދަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ އެންޔޫ ހޮސްޕިޓަލާ ގުޅިގެން ކަމަށްވާތީ އޭރު ޔުމާން ބެލި ޑޮކްޓަރުން އިރުޝާދު ދިނީ ވީ އެންމެ އަވަހަށް އެ ހޮސްޕިޓަލަށް ދިއުމަށެވެ. އާސަންދައާއި އެންސްޕާގެ ކޮންމެވެސް ވަރެއްގެ އެހީތެރިކަމާއެކު ޔުމާންއާއި ބޮޑު ދަރިފުޅު ގޮވައިގެން އެ ދެމަފިރިން އިންޑިއާއަށް ދިޔައީ އެ މަހުގެ 26 ވަނަ ދުވަހުއެވެ.

އެންޔޫ ހޮސްޕިޓަލުން ޔުމާންއަށް ދީފައިވާ ލިޔުމެއް--

އެންޔޫ ހޮސްޕިޓަލުން ޔުމާން ބެލި ޑޮކްޓަރުން ވަނީ ސީޓީ ސްކޭނެއް ހަދާ އިތުރަށް ބަލާފައެވެ. ޔުމާންގެ ކިޑްނީ ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށާއި އޭގެ ސަބަބުން އެ ކިޑްނީގެ 20 ޕަސެންޓްވެސް މަސްކަތް ނުކުރާކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި އޭގެ ސަބަބުން ޔުމާންގެ ހެދި ބޮޑުވުމާއި ބަރުދަނަށް ބަދަލު އަންނާނެ ކަމަށާއި ކެންސަރަށް ބަދަލުވެއްޖެ ނަމަ ކީމޯ ތެރަޕީވެސް ދޭން ޖެހިދާނެ ކަމަށް ޑޮކްޓަރުން ދިޔައީ ބުނަމުންނެވެ.

"ޑރ. ސީޓީ ހަދާފައި ބުނީ ބޭބީގެ ކިޑްނީ ވަރަށް ވަރަށް ބޮޑަށް ދުޅަވެފައި ހުރި ކަމަށް އޭގެ ސަބަބުން އެ ކިޑްނީގެ 20 ޕަސެންޓްވެސް ވޯކް ނުުކުރެއޭ އަނެއް ކިޑްނީ އެކަނިއޭ މަސައްކަތް ކުރަނީ. ދެން މި ޓިއުމާ އަކީ ގްރޯވާ އެއްޗެކޭ ކެންސަރު ވައްތަރުވެސް ވެދާނެއޯ ވެއްޖެނަމަ ކީމޯ ވެސް ބޭނުން ވާނެ އޭ"
ނަޝްފާ

ނަޝްފާ ބުނީ ކިޑްނީ އިން ޓިއުމަރު ނެގިޔަސް އެތަނުގައި އާ ޓިއުމަރެއް އުފެދުމުގެ ފުރުސަތު ބޮޑު ކަމަށާއި ކިޑްނީގެ ބޮޑުބައި މަސައްކަތް ނުކުރާތީ ޑޮކްޓަރުން ލަފާދިނީ ޔުމާންގެ ކިޑްނީ ނަގަން ކަމަށެވެ. އަދި ޔުމާންގެ ފިނި ހޫނުމިން ހަމައަކަށް ނޭޅޭތީ ޓެސްޓުތައް ހެދުމަށްފަހު މަހެއް ވަންދެން މަޑުކޮށްލުމަށްފަހު އޮޕަރޭޝަން ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ކަމަށް ނަޝްފާ ވަނީ ބުނެފައެވެ.

އޮޕަރޭޝަނަށް ފަހު

އޮޕަރޭޝަނަށް ފަހު ދެން ކަންވީ ގޮތް ހިއްސާކުރަމުން ނަޝްފާ ބުނީ އޮޕަރޭޝަނަށްފަހު ފުރަތަމަ ދުވަސް ވެގެން ދިޔައީ ޔުމާންއަށްވެސް ވަރަށް ބޮޑު ވޭނަކަށް ކަމަށާއި ގާތުން ނުދެވޭތީ، އިތުރަށް ހެދި ޓެސްޓުތަކުން އެނގުނީ ޔުމާންގެ ލޭ ދަށްވެފައިވާ ކަމަށެވެ. ލޭ އެޅުމަށްފަހު ހަތަރު ދުވަސްވަންދެން އެޑްމިޓްކޮށް ފަރުވާދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލީ ޔުމާންގެ ފަރާތުން އިތުރު ކަމެއް ފާހަގަވާނަމަ ވަގުތުން ދައްކަން ދާން އިރުޝާދު ދިނުމަށް ފަހުއެވެ.

ޔުމާންގެ ކިޑްނީ ނަގަން އޮޕަރޭޝަން ކުރި ލަކުނު--

ސެޕްޓެމްބަރު 26 ގައި މާލެ އައިސް ދައްކަމުން ދިޔައީ އައިޖީއެމްއެޗްގެ ކުޑަކަމުދާ ނިޒާމާ ބެހޭ ޑިޕާޓްމެންޓްގެ ޑޮކްޓަރުންނަށްކަން ފާހަގަ ކުރައްމުން ނަޝްފާ ބުނީ އޮޕަރޭޝަނަށް ފަހު ޔުމާން މާ ގިނައިން ރުއިމާއި ހޮޑުލާކަންވެސް ފާހަގަވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިންޑިއާގެ ޑޮކްޓަރުންނާވެސް ފޯނުން ވާހަކަދައްކާލި ކަމަށާއި އެ ޑޮކްޓަރުންގެ އިރުޝާދާއެކު ކުޑަކުދިންގެ ޑޮކްޓަރަކަށް ދެއްކި ނަމަވެސް އެކަމުގައި އަަދި އަލިމަގެއް ފެނިފައި ނުވާ ކަމަށް ނަޝްފާ ބުންޏެވެ.

އޮޕަރޭޝަނަށްފަހު ފުރަތަމަ ފޮލޯއަޕަށް މިހާރު ޔުމާން ގޮވައިގެން ނަޝްފާމެން ތިބީ އިންޑިއާގައެވެ. އޮޕަރޭޝަނަށްފަހު 3 މަސް ފަހުން ދައްކަން ޑޮކްޓަރު ބުނެފައިވާއިރު އެ ވައްތަރުގެ ޓިއުމަރަކީ އަލުން އުފެދިދާނެ ޓިއުމަރެއް ކަމުން ގަވާއިދުން ބަލަން ޖެހޭނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި މި ފަހަރު ޓިއުމަރުގެ އެއްވެސް އަސަރެއް ހުރެއްޖެނަމަ އޮޕަރޭޝަން ކުރަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ނަޝްފާ ބުނެއެވެ.

އާންމުންގެ ދީލަތި އެހީ ބޭނުން ވެފައި

ދަރިޔަކު ލިބުމަކީ މި ދުނިޔެމަތީގައި ކޮންމެ މަޔަކާއި ބަފަޔަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތެވެ. ދަރިޔަކު ލިބެން އުޅޭ ހަބަރާއެކު އެ ދަރިފުޅު ދެކިލުމަށް އެދި ކޮންމެ ބަޔަކުވެސް ވަގުތުތައް ގުނައެވެ. އެހެންނަމަވެސް އެ ހުރިހާ އުފަލަކަށް ހުރަސް އެޅި، އެ އުފާވެރިކަން ހިތާމައަށް ބަދަލުވާ ފަހަރުވެސް އާދެއެވެ.

އެގޮތުން މާބަނޑު ދުވަސްވަރު ބަނޑުގައިވާ ދަރިފުޅުގެ ސިއްހީ މައްސަލައެއް ހުރިކަން އެނގުމަކީ ކޮންމެ މަޔަކާއި ބަފައެއްގެ އިތުރުން އާއިލާގެ އެތައް ބަޔަކަށް ވެސް އެކަމާ މެދު ވިސްނާ ފިކުރުކުރެވޭނެ ކަންތައްތައް ކަން ހަމަ ޔަގީނެވެ. މާބަނޑު ދުވަސްވަރު މައިން ކުރާ ފިކުރާއެކު ތުއްތު ދަރިފުޅަށް އޭގެ އަސަރު ކުރި ނަމަވެސް ދަރިއެއްގެ ގައިގާ އަޅަމުންދާ ވޭނަކީ މައިންނަށް އެކަން ތަހަންމަލު ކުރެވޭ ވަރަށް ވުރެ ހިތްދަތި ވޭނެކެވެ.

މިހާ ހިސާބަށް އާންމުންގެ ފަރާތުން ލިބިފައިވާ އެހީ ފާހަގަކޮށް ނަޝްފާ ޝުކުރު އަދާ ކުރާއިރު، އާސަންދައާއި އެންސްޕާއިން ލިބޭ އެހީއާއެކުވެސް ކުޑަ ދެކުދިން ގޮވައިގެން ރާއްޖެއިން ބޭރުގައި ހޭދަކުރަން ޖެހުމާއެކު މާލީގޮތުން އަދިވެސް އެ އާއިލާ ވަނީ އެހީތެރިކަން ބޭނުން ވެފައެވެ.

  • އެކައުންޓްގެ ނަން: ނަޝްފާ އަހުމަދު ޝަމީމް
  • ޑޮލަރު އެކައުންޓް ނަންބަރު: 7730000048691
  • ރުފިޔާ އެކައުންޓް ނަންބަރު: 7730000593539
  • ފޯން ނަންބަރު: 7472129

'ދަ ޕްރެސް'ގެ ދުއާއަކީ ޔުމާން ހުސައިން ޝިފާއުއަށް މާތް ﷲ އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ.