ހަށިވިއްކައިގެން ހޯދާފައިވާ ގިނަ އަދަދެއްގެ ފައިސާއާއެކު ތައިލޭންޑްގެ އަންހެނަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މިސް ވިޕަޕަން ޝަރޮއެންސީ (39 އަހަރެ) އަކީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ރާއްޖެ އައިސްފައިވާ މީހެކެވެ. އަދި އޭނާ އަކީ ސައްހަ ވިސާއެއް ނެތި މަސައްކަތްކުރަމުން ދިޔަ އަންހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އަންހެންމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާއާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަށް ބާލައިރު ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާކަމަށެވެ. މި ގޮތުން ފުލުހުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި އިިންޓެލިޖެންސް ރިޕޯޓާއި، ހެކިންގެ ބަޔާނާ އަދި ފައިސާ ހޯދުމުގެ ބޭނުމުގައި ޖިންސީ އަމަލުތައް ކުރާކަމަށް އޭނާ ބުނެފައިވުން ހިމެނެއެވެ.

މީގެ އިތުރުން ޖިންސީ އަމަލުތައް ކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ފައިސާ އޭނާގެ އަތުން ފެނިފައިވާއިރު އެ ފައިސާ ހޯދީ ޖިންސީ އަމަލުތައް ކޮށްގެން ކަމަށް އޭނާ ބުނާ ބުނުން ހިމެނެއެވެ.

ކްރިމިނަލް ކޯޓުން، މުޖްތަމައުގެ ސަލާމަތާ ރައްކާތެރިކަމަށް ބަލާ އޭނާގެ ބަންދަށް 3 ދުވަސް ޖަހާފައިވާއިރު، ކޯޓުން ވަނީ އޭނާގެ ބަންދަށް ކުރު މުއްދަތެއް ދީފައިވަނީ ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ބޭނުންވާކަމަށް ބުނުމުންކަމަށް ބުނެފައެވެ.