ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިއެވެ.

ރޯދަމަހުގެ ފަހު 10 ބަންދުކުރުމަކީ ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިހާބުގައި ވެ ވަޑައިގެންނެވި ވައުދުފުޅަކަށްވާއިރު މިފަދައިން އިއުލާން ކޮށްފައި ވަނީ ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބް ނޫސްވެރިންނާ ބައްދަލު ކުރައްވައެވެ.

މިއީ ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމުގެ ގޮތުން ނިންމެވި ނިންމުމެއް ކަން ފާހަގަ ކުރައްވާ ޝަހީބް ވިދާޅުވީ "ރަމަޟާން މަހުގެ ފަހު 10ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައެޅުން، އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި މިވަނީ ކަނޑައަޅުއްވާފަ" އެވެ.

ޝަހީބް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ވައުދުފުޅަކީ 31 އޮގަސްޓްގައި ބ. އޭދަފުއްޓަށް ވަޑައިގެން ވެވެޑައިގެންފައިވާ ވައުދެފުޅެއް ކަމަށެވެ.

ދެމުންގެންދާ ހިދުމަތްތަކަށް ބުރޫ އަރާފާނެތޯ ނޫސްވެރިއަކު ސުވާލަކުރުމުން ޝަހީބް ވިދާޅުވީ އޮފީސްތަކުންނާއި ކުންފުނިތަކުން އަމަލު ކުރަމުން ގެންދާނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފަދަ ހަފުތާ ބަންދު ދުވަހު އަމަލުކުރާ ގޮތަށް ކަމަށެވެ. އަދި ހަމައެހެންމެ ޝިފްޓް ޑިއުޓީ އަށް ނުކުންނަން ޖެހޭ މީހުންގެ ކަންކަން އެ ކުންފުނިތަކުގައި ހަމަޖެހިފައި އޮންނަ އުސޫލުން ކުރިއަށް ގެންދާނެ ކަމަށް ވެސް ޝަހީބް ވިދާޅުވިއެވެ.