އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ނައިބު ރައީސް އަކަށް ހުންނެވި އިރު، ރިޝްވަތު ނެންގެވުމާއި ކޮަރަޕްޝަންގެ އަމަލުތަކެއް ހިންގަވާފައި ވާ ކަމުގެ ތުހުމަތުތައް ވަނީ ކޮށްފައެވެ. އެއާއެކު ބައިޑަން އަޒުލް ކުރަން ޖެހޭ ކނަކްނަ ކުރުމަށް ހައުސް އޮފް ރެޕްރެޒެންޓޭޓިވް ގެ މެންބަރުން ފާސްކޮށް މިހާރު ވަނީ މަސައްކަތް ފަށާފައެވެ.
މި ތުހުމަތުތައް ދޮގު ކުރައްވައި ބައިޑަން ވިދާޅުވަނީ، އެއީ ދޮގު ތުހުމަތާއެކު އޭނާ އަށް ދޭ ހަމަލާތަކެއް ކަމަށެވެ.
ބައިޑަންގެ އިތުބާރުގެ މައްސަލަ ކުރިއަށް ގެންދަން ހައުސް އިން ފާސްކޮށްފައި ވާއިރު، ދެން އޮންނާނީ، ބައިޑަން ގޯސްކޮށް ކުރައްވާފައި ހުރި ކަންކަމާ ގުޅޭ ހެކި އެއްކޮށް އެތަކެތި ހުށަހެޅުމެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ [ހައުސް އޮފް ރެޕްރެޒެންޓޭޓިވް] އަކީ 8 ގޮނޑިއާއެކު ރިޕަބްލިކަނުންގެ މެޖޯރިޓީ އޮންނަ ހައުސް އެކެވެ. އިދިކޮޅު ކެންޑިޑޭޓަކަށް ވާނެ ކަމަށް ބެލެވޭ ކުރީގެ ޑޮނާލްޑް ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަނުން ހިމެނޭގޮތަށް ގާނޫނު ހަދާ ފަރާތްތަކުން އިއްޔެ ނެގި ވޯޓުން އަޒުލް ކުރުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭ ކަމަށް ފާސްކޮށްފައި ވަނީ 221 ވޯޓުގެ ތެރެއިން 212 ހޯދައިގެންނެވެ.
އަޒުލް ކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ފާސްކުރުމަކީ އަދި އަޒުލް ކުރަން ނިންމުމެއް ނޫނެވެ. ނަމަވެސް މި ނިންމުމާއެކު، ކަމާބެހޭ ކޮމިޓީން އެއްކުރާ ހެއްކާއި ގަރީނާ ދިރާސާ ކުރުމަށް ފަހު އަޒުލްކުރަން ނިންމުމުގެ ފުރުސަތު އެބައޮތެވެ. އަދި އެގޮތަށް ނިންމި ނަމަވެސް އެ ނިންމުން ގާނޫނު ހަދާ މަޖިލީހުގެ މަތިގެއަށް ގެންދަން ޖެހޭނެއެވެ. އެތާނގައި އޮންނަނީ ބައިޑަން ތަމްސީލު ކުރައްވައި ޑިމޮކްރެޓުންގެ މެޖޯރިޓީއެވެ.
ބައިޑަންގެ އިތުބާރުގެ މައްސަލައާ ގުޅޭ ކަންކަން ކުރިއަށް ގެންދަން ހައުސް އިން ނިންމި މި ދަނޑިވަޅަކީ، އެމެރިކާގެ އާންމު އިންތިހާބަށް ބޯމަތިވެފައި ވާ ވަގުތެކެވެ. އެކިއެކި ކެންޑިޑޭޓުން ކެމްޕެއިންގެ އިވެންޓްތަކުގައި އަވަދިނެތި އުޅެމުން ދާ އިރު ބައިޑަންވެސް ގެންދަވަނީ އަންނަ ދައުރުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައި ކެމްޕެއިން ކުރައްވަމުންނެވެ.