ސްޓާ ޕްލަސްއިން ގެނެސްދެމުން އަންނަ އިންޑިއާގެ އެންމެ ބޮޑު ނެށުމުގެ މުބާރާތް "ޑާންސް ޕްލަސް ޕްރޯ" ދައްކަން ފަށައިފިއެވެ.

މިއީ އެ ފްރެންޗައިޒްގެ ހަތް ވަނަ ބައެވެ. "ޑާންސް ޕްލަސް" އަކީ ބޮލީވުޑްގެ ކުޅަދާނަ ކޮރެއޮގްރާފަރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާ ސުޕާ ޖަޖެއްގެ ގޮތުގައި ފެނިގެންދާ ޝޯ އެކެވެ. ރެމޯ ބުނީ މިއީ މި ފްރެންޗައިޒްގެ ހަތްވަނަ ބައި ކަމަށާއި އެންމެ ފުރަތަމަ އުޅުނީ ކުރީ ބައިތަކެކޭ އެއްގޮތަށް ޑާންސްޕްލަސް 7 ކިޔަން ކަމަށެވެ. ނަމަވެސް އެއް ފިޔަވަޅު މައްޗަށް ޖައްސާލުމަށްޓަކައި ޑާންސް ޕްލަސް ޕްރޯގެ ނަން ދިނީ ކަމަށްވެސް ކޮރިއޯގްރަފަރު ބުންޏެވެ. މިފަހަރު މި ޝޯގެ ޖަޖުންގެ ގޮތުގައި ޝަކްތީ މޯހަން، ޕުނިތް ޕަތަކް އަދި ރާހުލް ޝެޓީއެވެ. ރާހުލް އަކީ ޑާންސްޕްލަސް ޝޯއަށް އަލަން ޖަޖުކަން ކުރަން އައި ޖަޖެކެވެ. މިފަހަރުގެ ޝޯ ހޯސްޓްކުރާނީ ތުޝާރު ޝެޓީ އާއި ސުޝާންތު ކަތްރީއެވެ. މި ފަހަރުގެ ޖަޖިން ޕެނަލްގައި ދަރުމޭޝް ހިމަނާފައެއްނުވެއެވެ. މިހާރު ދައްކަމުން އަންނަނީ އޮޑިޝަން ރައުންޑެވެ. އޮޑިޝަނުން ކުދިން ގަދަ 12 ހޮވާލައިގެން މުބާރާތުގެ ހަގީގީ ފެންވަރު ފެނިގެންދާނެ ކަމަށް ރެމޯ ބުނެފައިވެއެވެ.

ސްޓާޕްލަސް ގެ އިތުރުން މި ޝޯ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ބެލޭނެއެވެ. ނިމިދިޔަ ޑާންސް ޕްލަސް ސީޒަން ހައެއްގެ ޓްރޮފީ އުފުލާލާފައިވަނީ ތޭޖަސް، ސްނޭހާ އަދި ހަރްޝްއެވެ. މި ތިން ކުދިންނަކީ އެ ގްރޫޕެއްގެ ތިން ކުދިންނެވެ. އެމީހުންގެ ކެޕްޓަން އަކީ ޝަކްތީއެވެ. ޑާންސް ޕްލަސް ގެ ތާރީހުގައި ވެސް ޝަކްތީ މޮޅުވި ފަހަރަކީ އެއީއެވެ.