ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގައި ވޯޓުލި މަރުކަޒެއްގައި ހިންގި ހަމަނުޖެހުމަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، 2026 ޖުލައި 12 ވީ އާދީއްތަ ދުވަހުގެ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ވޯޓުލި މަރުކަޒުގައި ހިންގި އެކި އަމަލުތަކާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށެވެ.

ހުޅުމާލެ ފޭސް 2 ގައި ހުންނަ ކާމިލް ދީދީ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށް ވޯޓުލުމުގެ ކަންކަން ކުރިއަށް ދަނިކޮށް ހިންގި މި ހަމަނުޖެހުމުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި އެތަނަށް ވަން ބަޔަކު ވަނީ ގޮނޑިފަދަ ތަކެތި ވެސް ވަނީ އުކާފައެވެ.

ފުލުހުން ބުނީ މި ހަމަނުޖެހުމުގެ ތެރެއިން ގާނޫނާ ހިލާފު އަމަލުތައް ހިންގާ އަދި އަމަން އަމާންކަން ގެއްލުވާލަން މަސައްކަތްކުރި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

މި އިންތިހާބާ ގުޅިގެން ޕީއެންސީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 131 ރަށު ދާއިރާއެއްގައި މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ފިރުޒުލް ފާހަގަކުރެއްވި ގޮތުގައި މި އިންތިހާބަކީ ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ، ވާދަވެރި އިންތިހާބެކެވެ.