ހުސްވެފައިވާ މާލެ ސިޓީގެ މޭޔަރު ހޮވުމުގެ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު ކުރިމަތިލާފައިވަނީ 5 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
ހަބީބް އެފަދައިން ވިދާޅުވެފައިވަނީ "ދަ ޕްރެސް" އިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވާ އެ އިންތިހާބުގައި އެމްޓީޕީގެ ޓިކެޓުގައި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވާދަކުރައްވާއިރު ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކުރޫ ވާދަކުރައްވަނީ ޕީއެންސީގެ ޓިކެޓުގައެވެ. އެ ދެ ބޭފުޅުންވެސް އީސީއަށް ފޯމު ހުށަހަޅުއްވާފައިވަނީ އިއްޔެއެވެ. އޭގެ ކުރިން މި މަހުގެ 7 ވަނަ ދުވަހު އަމިއްލަ ގޮތުން އެ މަގާމަށް ވާދަކުރައްވަން މީގެ ކުރިން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވަނީ ފޯމު ހުށަހަޅުއްވާފައެވެ.
މިއަދު އެ މަގާމަށް ވާދަކުރައްވަން މިހާރުވެސް މާލެ ސިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ސައިފް ފާތިހު ދަ ޑިމޮކްރެޓްސްގެ ޓިކެޓުަގއި ފޯމު ހުށަހަޅުއްވާފައިވައިރު އަމިއްލަ ގޮތުން ވާދަކުރައްވަން ކުރީގެ ސީޕީ ހުސައިން ވަހީދު ވެސް ފޯމު ހުށަހަޅުއްވާފައިވަނީ މިއަދެވެ.
ސީޕީ ހުސައިން ވަހީދަކީ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު ވާދަކުރައްވާ ކެންޑިޑޭޓަށްވާއިރު އެ ބޭފުޅާ އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމާފައިވަނީ ރައީސް ޔާމީން އުފައްދަވާ ޕީއެންއެފް ރަޖިސްޓްރީ ނުވާތީއެވެ.
މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުވުމާ ގުޅިގެން އެ މަނިކުފާނު ވަނީ މި މަހުގެ 17 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރުގެ ގޮނޑީގެ އިތުރުން ގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ނާސިރާއި، މެދުހެންވޭރު ދާއިރާގެ މެންބަރު އާދަމް ރަމީޒާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ގޮނޑިވެސް ވަނީ ހުސްވެފައެވެ.