ފްރައިޑޭ ނައިޓް ޕްލޭންގެ ސްޓޯރީލައިން: ހައި ސްކޫލަށް ދާ ދެބެން، އެމީހުންގެ މަންމަ ރަށުން ބޭރަށް ދިޔުމުން ސްކޫލުގެ އެންމެ އެންމެ ފޯރިގަދަ ޕާޓީގައި ބައިވެރިވެއެވެ. އަދި އެ ޕާޓީ ތެރެއިން ކަންތައްތައްތަކެއް އެމީހުންނަށް ދިމާވެ ފުލުހަށްދާންޖެހެއެވެ.

  • މައިގަނޑު ތަރިން

ބާބިލް ހާން (ސިދާތު)، އަމްރިތް ޖާޔަން (އަދީ)، މެދާ ރާނާ (ނެޓް)، އާދްޔާ އާނަންދު (ނިޓްސް) އަދި ޖޫހީ ޗަވާލާ މެހެތާ (މަންމަ) އެވެ.

ފްރައިޑޭ ނައިޓް ޕްލޭން ރިވިއު:

މި ފިލްމަކީ ލިޔުންތެރިޔާ/ޑައިރެކްޓަރު ވަޓްސަލް ނީލަކަންޓަންގެ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި ކިޔައދެނީ ހައި ސްކޫލް ދެބެންނަށް ދިމާވާ ހަނދާނުން ފޮހެލަން ދަތި ކަންތައްގަނޑެއްގެ ވާހަކައެވެ. ފިލްމު ފަށަނީ ހައި ސްކޫލްގެ ސީނިއާ ދަރިވަރެއް ކަމަށްވާ ސިދާތު އާއި އޭނާގެ ކޮއްކޮ އަދީ އިންނެވެ. ހެނދުނުގެ ނާސްތާއަށް މޭޒު ކައިރިއަށް ދިޔުމާއެކު ސިދާތުގެ މެޗަށް ކޮއްކޮ އަދީ ގެންދަން ސިދާތު ގާތު މަންމަ ބުނެއެވެ. ވަގުތުން ސިދާތުގެ މޫޑު އޮފްވެއްޖެއެވެ. ކޮއްކޮ އާ މާ ރަނގަޅު ގުޅުމެއް ބައްޕަ ނިޔާވިފަހުން ނޯވެއެވެ. ނަމަވެސް މަންމަގެ ބަހުގައި ކޮޅުފައި ނުޖަންވެގެން ކޮއްކޮ ގޮވައިގެން މެޗަށް ދާން އެއްބަސްވިއެވެ.އެ ފުޓްބޯޅަ މެޗަކީ ސިދާތު އަށް ވަރަށް ހާއްސަ މެޗެކެވެ. މީގެ ކުރިން ފުޓްބޯޅަ މެޗަށް ކޯޗު ނޭރުވިނަމަވެސް ކުޅުންތެރިޔަކަށް އަނިޔާވެގެން ސިދާތު އަރަންޖެހުނެވެ. ކޮންމެއަކަސް މެޗު އެ ސްކޫލު މޮޅުވެގެންދިޔައީ ސިދާތުގެ ގޯލާއެކުގައެވެ. އިސާހިތަކު ސިދާތު މުޅި ސްކޫލަށް މަޝްހޫރުވިއެވެ. އެންމެންގެ ލޯތަކާ އަމާޒުވާންޖެހޭތީ ސިދާތުއަށް ހުރީ ކުޑަކޮށް އުނދަގޫވެސް ވެފައެވެ.

ގޯލެއްގެ ސަބަބުން ސިދާތު އަށް ހީނުކުރާހާ މަގްބޫލުކަމެއް ސްކޫލުތެރެއިން ލިބުނުއިރު ގިނަ ކުދިންގެ އިހުތިރާމްވެސް އޭނާ އަށް ލިބުނެއެވެ. އަދި ސިދާތުގެ ގޯލާއެކު އޭނާ މަޝްހޫރުވުމުން ހުކުރުދުވަހުގެ ރޭ ބާއްވާ ހާއްސަ ޕާޓީއަކަށް އޭނާއަށް ދައުވަތު ލިބެއެވެ. ކޮއްކޮ އަދީގެ އެދުމަށް ސިދާތު އެ ޕާޓީ އަށް ދިޔައީ ސްކޫލުގައި އޭނާގެ ފަހު އަހަރުކަމުންނެވެ. މަންމަ އެނބުރި ގެއަށް ނާންނަނީސް މަންމަގެ ކާރު ނުނަގަން ބުނެފައި އޮއްވާ ނެޓް އަށް ފޮނިދައްކަން ސިދާތު މަންމަގެ ކާރުގައި ޕާޓީއަށް ދާން މިސްރާބު ޖެހީ ކޮއްކޮ އަދީ އާއެކުގައެވެ.

ވިޔަފާރީގެ ދަތުރެއްގައި މަންމަ ރަށުގައި ނެތް ދަނޑިވަޅުގައި ދެބެއިންގެ ދިރިއުޅުމަށް ތޫފާނެއް އައީ މަންމަގެ ކާރު ނެގުމުންނެވެ. ޓީނޭޖުގެ ކުދިންގެ މަޖާ ދިރިއުޅުމާއެކު އެ ދެމީހުންނަށް ހުކުރު ދުވަހުގެ ރޭ ދިމާވާ ހާދިސާތަކަކީ ފިލްމުގެ ވަރަށް މުހިއްމު ބައެކެވެ. މި ފިލްމަކީ ލޯތްބާއި އެކުވެރިކަމާއި އާއިލާ ގުޅުމުގެ މުހިއްމުކަމުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ފިލްމު ނެޓްފްލިކްސް އިން ބެލޭނެއެވެ.