އަންނަ އަހަރު ބާއްވާ ގޯލްޑެން ގްލޯބްސް އެވޯޑްސްގެ ނޮމިނޭޝަން ލިސްޓުގެ އެންމެ ކުރީގައި "ބާބީ" ހިމެނިއްޖެއެވެ.

އެ ފިލްމަށް އެންމެ ގިނަ ނޮމިނޭޝަންތައް ލިބުނީ ޖުމްލަ 10 ނޮމިނޭޝަން އާއެކުގައެވެ. ބާބީ އާ އެންމެ ގާތުން ވާދަކުރަނީ ކްރިސްޓޮފާ ނޯލަން ޑައިރެކްޓުކުރި ފިލްމު "އޮޕެންހައިމާ" އެވެ. އެ ފިލްމު ވަނީ ޖުމްލަ އަށް އެވޯޑަށް ނޮމިނޭޓް ވެފައެވެ. މި ދެ ފިލްމު ވެގެން ގޮސްފައިވަނީ ބޮކްސް އޮފީހުގައިވެސް ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށެވެ. ފިލްމު ބާބީ އަށް ބޮކްސް އޮފީހުގައި 1.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު "އޮޕެންހައިމާ" އަށް ވަނީ 953.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. ފާހަގަ ކޮށްލެވޭ ފިލްމަކީ މި ދެ ފިލްމަކީ ވެސް އެއް ދުވަހާ ރިލީޒްކުރި ދެ ފިލްމަށްވުމެވެ. އެހެންކަމުން މި ދެފިލްމުގެ ވާދަވެރިކަން ވެސް ވަރަށް ބޮޑުވިއެވެ.

އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވާ 81 ވަނަ ގޯލްޑެން ގްލޯބްސް އެވޯޑުގެ ޑްރާމާ ކެޓަގަރީ އިން އެންމެ މޮޅު ފިލްމަށް ވާދަކުރަނީ "އޮޕެންހައިމާ"، "ކިލާސް އޮފް ދަ ފްލާވާ މޫން"، "ޕާސްޓް ލައިވްސް"، "މެއިސްޓްރޯ"، "އެނަޓޮމީ އޮފް އަ ފޯލް" އަދި "ދަ ޒޯން އޮފް އިންޓްރެސްޓް" އެވެ. އަދި ކޮމެޑީ އެންޑް މިއުޒިކަލްގެ ކެޓަގަރީން އެންމެ މޮޅު ފިލްމަށް ވާދަކުރަނީ "ބާބީ"، "ޕުއާ ތިންގްސް"، "ދަ ހޯލްޑްއޯވާސް"، "އެމެރިކަން ފިކްޝަން"، "މޭ ޑިސެމްބާ" އަދި "އެއާ" އެވެ. އެންމެ މޮޅު ޑައިރެކްޓަރުންގެ ގޮތުގައި ނޮމިނޭޓްވެފައި ވަނީ ކްރިސްޓޮފާ ނޯލަން، ގްރެޓަ ގޭވިގް، މާޓިން ސްކޯސެސީ، ޔޯގޯސް ލަންތިމޯސް، ބްރެޑްލީ ކޫޕާ އަދި ސެލީން ސޯންގެވެ.