މިހާރު އޮލިމްޕަސް ސިނަމާގައި އަޅުވާފައި އޮތް ދިވެހި ފިލްމު "ނޮވެމްބަރ" އަށް ހާއްސަ ޝަރަފެއް ލިބި، ފިލްމު އުފެއްދި ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުން ތާރީހުގެ ތެރެއަށް ވަދެއްޖެއެވެ.
މީގެ ކުރިން ދިވެހި ފިލްމަކަށް ނުލިބޭ ފަދަ ހާއްސަ ޝަރަފެއް މި ފިލްމަށް ލިބިގެންދިޔައިރު ޑާކްރެއިނުން ބުނީ ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ އެއާލައިނެއްގެ އިންފްލައިޓް އެންޓަޓެއިންމަންޓް ލިސްޓެއްގައި ހިމެނޭ ފުރަތަމަ ދިވެހި ފިލްމަށް މި ފިލްމު ވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ރަޝިޔާ ބަހުން ޑަބްކޮށް، އެ ގައުމުގެ އެއާ އަސްޓާނާގައި އަންނަ މަހުން ފެށިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް "ނޮވެމްބާ" ދަތުރުމަތީގައި ބަލާލެވޭނެ އެވެ.
އެ ކުންފުނިން ބުނީ އެފަދަ ފުރުސަތެއް ފަހިކޮށްދިނީތީ ޑީއައިއެފްއީއެސް ގެ ޓީމަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. އަދި އެގޮތަށް ފްލައިޓެއްގައި ފިލްމު ދެއްކުމުގެ ފުރުސަތު އެ ކުންފުންޏަށް ލިބިގެންދިޔަކަމަށާއި އެ ފިލްމަކީ "ނޮވެމްބަރ" އަށް ވެގެން ދިޔަކަމީ ވަރަށް ފަޚުރުވެރިވާ ކަމެއްވެސް ޑާކްރެއިނުން ވަނީ ބުނެފައެވެ. އަދި އެ ކުންފުނީގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި އިތުރު ފިލްމުތަކެއް އެއަރ އަސްޓާނާގައި ދެއްކިގެން ދިއުން ކަމަށެވެ.
މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ޝޫޓިންތައް ނެގީ ސިންގަޕޫރު އަދި އައްޑޫގައެވެ. ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރ"ގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ. "ނޮވެމްބަރ" އަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ.