ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބޭނުންވެވަޑައިގެންނެވީ ހިލޭ ސާބަހަށް މަސައްކަތް ކުރައްވަން ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެއްޖެއެވެ.
ސާޖިދާ އަދާކުރައްވަމުން ގެންދަވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމު ކަމަށް ވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދާއިރާއިން ކިޔަވާ ވިދާޅުވެ ހުންނެވީ ހަމައެކަނި އެކަމަނާއެވެ.
ރައީސް މުއިއްޒު އިންތިހާބުވެ ވަޑައިގެންނެވުމުގެ ކުރިންވެސް ސާޖިދާ ވަނީ އެ މަގާމުގައި ހުންނަވަން ބޭނުންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި ހުރަހެއް ނެތް ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފައިވީ ނަމަވެސް ފަސްޓް ލޭޑީގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއެކު ސާޖިދާ ވަނީ މުސާރަ ނުލިބޭ ގޮތަށް 4 އަހަރުގެ މުއްދަތަށް މަސައްކަތުން އެކަހެރިވެ ވަޑައިގެންފައެވެ. އޭގެ ފަހުން މިނިސްޓްރީގެ އެދުމުގެ މަތިން ކޮންޓްރެކްޓް އުސޫލުން ސާޖިދާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
އެކަމާ ގުޅިގެން މިއަދު ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން ހާޒިރުކޮށް ސުވާލުކުރައްވާފައި ވެއެވެ.
އެ ކޮމިޝަންގެ ރައީސް ނާސިހު ވިދާޅުވީ ފަސްޓް ލޭޑީގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހިވަަޑައިގަންނަވާ ޒިންމާތަކެއް ހުރުމާއެކު ފުލްޓައިމްކޮށް އެ ވަޒީފާ އަދާކުރެއްވުމުގައި ސާޖިދާއަށް ދަތިތަކެއް ހުރިނަމަވެސް ސިވިސް ސާވިސްގެ ވަޒީފާއަށް ކޮންމެވެސް ވަރެއްގެ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެއްމަށް ލުއިތަކެއް ދެއްވިދާނެތޯ ހެލްތް މިނިސްޓްރީއިން އެދުނު ކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައި ހުންނެވި ބޭފުޅަކަށް ވުމުން އެ ހިދުމަތް ކޮންމެވެސް ސިފައެއްގައި މިނިސްޓްރީއަށް ލިބުން މުހިއްމު ކަމަށް އެ މިނިސްޓްރީއިން ބުނެފައިވާ ކަމަށްވެސް ނާސިހު ވިދާޅުވިއެވެ. އަދި ދިރާސާ ކުރިއިރު އެގޮތަށް ދާއިމީ ވަޒީފާގައި ހުންނަ މުވައްޒަފަކަށް ލުއިދިނުމަށް ގަވާއިދު ތަނެއް ނުދޭ ކަމަށް ވެސް ނާސިހު ވިދާޅުވިއެވެ.
ނާސިހު ވިދާޅުވީ އެގޮތަށް ލުއިދެވެން ނެތުމުން ހަމައެކަނި އޮތް ގޮތަކީ ވަޒީފާއިން މުސާރަ ނުލިބޭ ގޮތަށް ވީއްލުމަށް ފަހު ދުވަހު މުސާރައިގެ އުސޫލުން ކުރުވަން ބޭނުންވާ މަސައްކަތްތައް ކުރުވުން ކަމަށާއި އެ ގަވާއިދުގެ ދަށުން އެގޮތަށް ލަފާދެއްވި ކަމަށެވެ.
ނާސިހު ވިދާޅުވީ ސާޖިދާގެ ފަރާތުން ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް އެކަމަނާ މަސައްކަތްކުރައްވަމުން ގެންދަވާ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބޭނުންވާ ކަމަށާއި އެހެންކަމުން ސާޖިދާގެ ފަރާތްޕުޅުން ހޯއްދަވަން ބޭނުންވާ ހިދުމަތްތައް ކަނޑައަޅާ، އެއާ އެއްވަރު އުޖޫރައެއް ކަނޑައަޅައިގެން އެކަން ކުރެވިދާނެ ކަމަށް ގަވާއިދު ތަންދޭ ކަމަށެވެ.
ނާސިހު ވިދާޅުވީ ސާޖިދާ ބޭނުންވެވަޑައިގަންނަވަނީ މުސާރަ ނުނަގަންވާ ހިލޭ ސާބަހަށް މަސައްކަތް ކުރައްވަން ކަމަށް ހެލްތް މިނިސްޓްރީއިން ބުނެފައި ވެއެވެ. އެހެންނަމަވެސް ސިވިލް ސާވިސް ގަވާއިދު އޮންނަ ގޮތުން މަސައްކަތަށް އެކަށީގެންވާ ކޮންމެވެސް ވަރެއްގެ އުޖޫރައެއް ހަމަޖައްސަން ޖެހޭ ކަމަށް ނާސިހު ވިދާޅުވިއެވެ.
ސިވިލް ސާވިސްގެ އިރުޝާދުގެ ދަށުން ހެލްތް މިނިސްޓްރީގެ ފަރާތުން މަސައްކަތް ކުރިއަށް ގެންގޮސް މި މަހުގެ 7 ވަނަ ދުވަހު އެ ކޮންޓްރެކްޓުގައި ސޮއިކުރައްވާފައި ވަނީ ފަންނީ ލަފާގެ ގޮތުގައި ޓެކްނިކަލް ދާއިރާގެ ފަންނީ ލަފައާއި މުވައްޒަފުން ތަމްރީން ކުރުމާއި ގަވާއިދުތަކާއި އުސޫލުތައް ހެދުމުގެ މަސައްކަތުގައި އެހީތެރިކަން ދެއްވުމަށް ކަމަށެވެ. އެގޮތުން މަސައްކަތް ކުރައްވާ ކޮންމެ ގަޑިއިރަކަށް 75 ރުފިޔާ ލިބިވަޑައިގަންނަވާ ގޮތަށް ކޮންމެ މަހަކު 40 ގަޑިއިރު މަސައްކަތް ކުރެއްވުމަށް އެ ކޮންޓްރެކްޓުގައި ވަނީ ބުނެފައެވެ. އެ އުސޫލުން މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އޭނާ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ނާސިހު ވިދާޅުވިއެވެ.
ކެވެނީ ހަރާމް އެއްޗެތި އަދިވެސް އަންބޮޑިއަށް ބޮޑުކުރަނީ ސުވަރުގެއަށް ދާންވެގެން ދޯ
ތިޔަދައްކަނީ މޮޔާން ދައްކާކަހަލަ ވާހަކަ ތިޔަބުނާ ޤަވާޢިދަކީ ބާވައިލެއްވި ޤަވާޢިދެއްތަ ނޫނީ ތިޔަފަރާތުން ހަދާއެއްޗެއްތަ އަމިއްލައަށް ހަދާނަމަ އެޤަވާޢިދު ބަދަލުކުރެވޭނެ ތިޔަކަން ތިޔަދާގޮތުން ފެންނަނީ ރާނީއާއި ދިމާލަށް އެހެންމީހުން ލައްވައި އެއްޗިހި ގޮއްވުން