މަސްވެރިކަން ކުރާ ކޮންމެ ދިވެހި ދޯންޏަކުން މަދުވެގެން އެއް ފަޅުވެރިއަކަށް 'ރެސްކިއު ޑައިވަރުން'ގެ ފެންވަރަށް ތަމްރީނު ހެދުމަށް މަގުފަހިކޮށްދެއްވާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ، މަސްވެރިން މޫދަށް ފީނައި އުޅުމުގެ ތެރޭގައި ހިތާމަވެރި ހާދިސާތައް ހިނގާ ކަން ފާހަގަކުރައްވައިފައެވެ. އެގޮތުން އެން ދެމުމާއި މަސްވެރިކަމުގެ އެހެނިހެން ބޭނުންތަކަށް މޫދަށް ފައިބައި އުޅުމުގެ ތެރޭގައި އެކި ހާދިސާތައް ހިނގާފައިވާ ކަން ފާހަގަކުރެއްވިއެވެ.

،އެހެންކަމުން އެފަދަ ހާދިސާތައް މަދުކުރުމަށްޓަކައި ކޮންމެ މަސް ދޯންޏަކުން އެއް ފަޅުވެރިއަކު 'ރެސްކިއު ޑައިވަރު' ފެންވަރުގެ ސަނަދު ހާސިލްކޮށްފައިވާ މީހަކަށް ހެދުމަށްޓަކައި ސަރުކާރުން ފުރުސަތު ފަހިކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ މަސްވެރިންގެ ދަފްތަރެއް ސަރުކާރުން އެކުލަވާލަން ފެންނަ ކަމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަން ހާމަކުރައްވައިފައެވެ. ރައީސް ވިދާޅުވި ގޮތުގައި މަސްވެރިންގެ ދަފްތަރެއް އެކުލަވާލެވުމުން މަސްވެރިންނަށް ދިމާވާ މާލީ މައްސަލަތަކާއި އިގްތިސޯދީ ދަތިތައް ހައްލުކުރެވޭނެ މަގުތައް ސަރުކާރަށް ފަހިކޮށްދެވޭނެއެވެ.

އެގޮތުން މަސްވެރިންގެ ދަފްތަރެއް އެކުލަވާލެވުމުން ބޭންކުގެ ނިޒާމަށް މަސްވެރިން ވަނުމަށް ފަހިކޮށްދެވި މަސްވެރިކަން ދަށް ދުވަސްވަރު ނުވަތަ އަޑިއަޅާލާ ދުވަސްވަރު މަސްވެރިންނަށް އެހީތެރިކަން ދިނުމަށް ސަރުކާރަށް ފަސޭހަވެގެން ދާނެ ކަމަށާއި، މަސްވެރިކަމާ ގުޅުންހުރި ކަންކަން ކުރިއެރުވުމަށްޓަކައި ބޭންކު މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ މިކަމާ ގުޅޭ އުސޫލުތައް ވީ އެންމެ އަވަހަށް އެކުލަވާލައި، މަސްވެރިންނަކީ ގަދަރު އުފުލިގެންވާ ފުދުންތެރި ބަޔަކަށް ހެދުން ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސްގެ ވާހަކަފުޅުގައި މުހިންމު ކަންކަން ފާހަގަކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ލަހެއްނުވެ ތުރުކީގެ މާރުކޭޓުގައި ދިވެހިންގެ އުފެއްދުންތަކަށް އެތައް ފުރުސަތެއް ހުޅުވިގެން ދާނެ ކަމުގެ ޔަގީންކަން ދެއްވުން
  • މިފްކޯ އަކީ މަސްވެރިންގެ ބައިވެރިވުމާ އެކު ހިންގާ، ސަރުކާރުގެ ފުރިހަމަ ހިއްސާ އޮންނަ ވަކި ކުންފުންޏަކަށް ހެދުން، އަދި އެ ކުންފުނި ތަރައްގީކުރުމަށްޓަކައި ސީދާ މަސްވެރިންނަށް ބަސް ކިޔޭނެ ގޮތް ހެދުން
  • ކަނޑު މަހަށް ބޭރުގެ މާކެޓުގައި އެކަށޭނަ އަގެއް ހޯދުން، އެގޮތުން މަސް ބާނަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަން އެނގޭނެހެން، ޒަމާނުއްސުރެ ދިވެހިން މަސްބާނާ ސަގާފީ ގޮތް އެނގޭނެހެން ރާއްޖޭގެ ނަމުގައި މަސް ބޭރުކުރުން
  • އެކުއަކަލްޗާގެ ދާއިރާ އަށް ބޭނުންވާ ހުނަރު ޒުވާނުންނަށް ދަސްކޮށްދީ، ހެޗަރީ ބިނާކުރުމުގެ ގާބިލުކަން އުފެއްދުމުގެ ތަމްރީނު ޕްރޮގްރާމްތައް އަންނަ އަހަރު ފެށުން
  • ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ލޯނު ލިބޭނެ ގޮތް ހަދައި، ވަސީލަތްތަކުގެ އެހީތެރިކަން ފޯރުކޮށްދިނުން
  • މަސްވެރިކަމުގެ އިލްމު ކުރިއެރުވުމަށްޓަކައި ގައުމީ ޔުނިވާސިޓީ އާ ގުޅިގެން ހާއްސަ އިންސްޓިޓިއުޓެއް ގާއިމްކުރުން
  • ދިވެހި މަސްވެރިކަން ފުޅާކޮށް މާކެޓުކުރުމަށްޓަކައި ހާއްސަ އޭޖެންސީ އެއް އުފެއްދުން

"އިރާދަކުރެއްވިއްޔާ ދިވެހި މަސްވެރިކަމަށް ބާއްޖަވެރި ދުވަސްތަކެއް ފެންނާނެ، ދިވެހި ގައުމަށް ބާއްޖަވެރި ދުވަސްތަކެއް ގެނެވޭނެ،" ރައީސް ވިދާޅުވިއެވެ.