މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލައި އޭގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމަވާފައިވަނީ މިއަދު ބޭއްވި ވަޒިރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ރައީސް އޮފީހުން ބުނީ، ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލާ، ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުމަކީ ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ހިމަނާފައިވާ ކަމެއް ކަމަށެވެ. މިފަދަ ދަފުތަރެއް އެކުލަވާލުމުގެ މައިގަނޑު އެއްބޭނުމަކީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީ ވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތް ދަންނަ އާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން މިފަދަ ދަފްތަރެއް އޮތުމަކީ މަސްވެރިން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށާއި، ތަފާތު އެކިއެކި ބޭނުންތަކަށް މަސްވެރިންނަށް އަމާޒުކޮށް ލޯނު ދޫކުރުމަށާއި މަސްވެރިންނަށް ދަޢުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖްތިމާއީ ރައްކާތެރިކަމާއި ސަބްސިޑީފަދަ ވަސީލަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކޮންމެހެން މުހިންމު ކަމެއްކަމުގައި ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހުގައި ފާހަގަކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، މިދަފުތަރުގައި މަސްވެރިންގެ ގޮތުގައި ކަނޑައަޅާ ފަރާތަކީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން އާމުދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަން ކަމުގައި ހިމެނޭ ނުވަތަ އާމުދަނީގެ ބޮޑުބައެއް ހިއްސާކުރަނީ މަސްވެރިކަމުން ލިބޭ އާމްދަނީންކަމުގައި ހިމެނޭ ފަރާތަކަށް ވާންޖެހޭ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މަސްވެރިންގެ ގައުމީ ދަފުތަރު އެކުލަވާލާއިރު ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިން އަދި ސްޕޯޓްސް ފިޝިން ފަދަ ހަރަކާތްތަކުގެ މައުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް ކެބިނެޓް ކަރުދާހުގައި ފާހަގަކޮށްފައިވަ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.