މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަން ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، ވަކި އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް އުފެއްދުމުގެ އެއް ބޭނުމަކީ ޒަކާތުގެ ގޮތުގައި އެކި މީހުން ދައްކާ ފައިސާ މިހާރަށް ވުރެ އިތުރުކުރުން ކަމަށެވެ.
ޒަކާތުގެ ގޮތުގައި ދައްކާ ފައިސާއިން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މީހާގެ ޒަކާތް ލިބޭ މީހުންގެ ފުދުންތެރިކަން އިތުރުކުރުމަކީ ވެސް އެ އިދާރާ އުފެއްދުމުގެ ބޭނުމެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ރައީސް އޮފީހުން ބުނީ، ޒަކާތު ހައުސްގެ މަގުސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތު ސެކްޝަނުން މިހާރު ކުރަމުންގެންދާ މަސައްކަތްތަކާއި ޒަކާތުގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތުން ބައެއް ޝަރީއާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު ތަރައްގީކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން މުދަލު ޒަކާތާއި ފިތުރު ޒަކާތް ބަލައިގަތުމާއި ބެހުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމާއި، ޒަކާތުގެ ކަންކަން ޝަރީއާ ބޯޑަކުން ސުޕަވައިޒުކޮށް، ޒަމާނީ ފިގްހުގެ އަލީގައި ކުރިއަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޒަކާތާ ބެހޭގޮތުން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ފުޅާ ދާއިރާއެއްގައި ހޭލުންތެރިކަމުގެ ޕްރޮގުރާމުތައް ހިންގާ، މުދަލު ޒަކާތް ނެރުން ވާޖިބުވާ މީހުންގެ ތެރެއިން މުދަލު ޒަކާތް ނެރޭ އަދަދު ބޮޑުތަނުން އިތުރުކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އަދި، ފަގީރުންގެ ގޮތުގައި ދަފްތަރުކުރެވިފައިވާ ފަރާތްތައް މާލީ ގޮތުން ފުދުންތެރި އުފެންދުންތެރި ބަޔަކަށް ހަދައި ދިވެހިރާއްޖެއިން ފަގީރުކަން ނައްތާލުމަށްޓަކައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުން ވެސް މީގެތެރޭގައި ހިމެނޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ޒަކާތު ހައުސް އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.