ފުރާވަރު ކުދިންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ކުއްޖަކަށް ތޫނު ހަތިޔާރަކުން ހަމަލާ ދިން ކަމުގެ އަޑުތަކެއް ފެތުރުނު ނަމަވެސް އެކަމުގެ އެއްވެސް މާއްދީ ހެއްކެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލެ ސެންޓްރޯ މޯލްގެ ލިފްޓް ތެރޭގައި 14 އަހަރުގެ ކުއްޖަކަށް ހަމަލާދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ފެތުރިފައި ވަނީ ރޭގެ ވަގުތެއްގައެވެ.

އެ މައްސަލައިގައި ފުލުހުން މިއަދު ބުނީ، އެފަދަ މައްސަލައެއް ފުލުހުންނަށް މިހާތަނަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށާއި އިތުރަށް އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެކަން ހިނގި ކަމަށް ބުނާ ތަނާއި ސަރަހައްދު ބަލައި އެކި މީހުންނާ ސުވާލު ވެސް ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން މިހާތަނަށް ބެލި ބެލުމުން ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފަރުވާ ހޯދާފައިވާކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި ހާދިސާ ހިނގިތަންކަމަށް ބުނާ ސަރަހައްދުން އެފަދަ ކަމެއް ހިނގިކަމުގެ މާއްދީ އެއްވެސް ހެއްކެއްވެސް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މި ދުވަސްވަރު މާލެ އާއި އައްޑޫގައި ސިލްސިލާ ގޭންގް މާރާމާރީތަކެއް އަންނަނީ ހިންގަމުންނެވެ. އެކަމާ ގުޅިގެން ފުލުހުން ދަނީ މާލެ އާއި އައްޑޫ ސިޓީ ގައި ހާއްސަ އޮޕަރޭޝަނެއް ވެސް ހިންގަމުންނެވެ. އަދި އައްޑޫ މާރާމާރީ އާއި ގުޅިގެން މިހާތަނަށް 11 މީހަކު ހައްޔަރުކޮށް މާރާމާރީ ހިންގުމަށް ބޭނުން ކުރާ އާލާތްތަކެއް ފުލުހުން ވަނީ ހޯދާފައެވެ.