ރާއްޖެއަށް ލިބޭ ބޭރުގެ އެހީގެ ތެރެއިން ބައެއް، މަސްވެރިކަން ތަރައްގީ ކުރަން ހޭދަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމު ކޮށްގެން ބޭއްވި "މަސްވެރިންގެ ގުންޒަރު 2023"ގެ ރޭގެ ދަންފަޅީގައި ބައިވެރިވެ ވަޑައިގެން، ރައީސް ވަނީ މަސްވެރިންގެ ޝުއޫރުތައް އަޑުއައްސަވައި، މަސްވެރީންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

މި ބައްދަލުވުމުގައި މަސްވެރިން ވަނީ މަސްވެރިކަން ކުރިއެރުވުމަށް ކުރާ އުންމީދުތަކާއި، ދިވެހި މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީއާއި ދިރިއުޅުމުގެ ހާލަތާ އަދި މަސްވެރީންނަށް ކުރިމަތިވެފައިވާ ދަތިތަކާއި ކަންބޮޑުވުންތައް ރައީސް އާ ހިއްސާ ކުރައްވާފައެވެ. މަސްވެރިން ހިއްސާކުރި ޝުއޫރުތަކާ ގުޅިގެން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވިސްނުންފުޅު ހުރީ މަސްވެރިކަން 'ވަރަށް ކުރިއަށް' ގެންދެވުމަށް ކަމަށެވެ.

މިގޮތުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަހައްދަކަށް މަސްވެރިކަން ފުޅާކުރެއްވުމަށް ރައީސް ވަނީ ވައުދުވެ ވަޑައިގެންފައެވެ. އަދި މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖް ފަދަ ވަސީލަތްތައް ގިނަ ކުރުމާއި މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަށް އެންމެބޮޑު އާމުދަނީއެއް ލިބޭނެ ސިނާއަތަކީ މަސްވެރިކަން ކަމުގައި ހެދޭނެގޮތަށް ވިސްނުންފުޅު ބަހައްޓަވައިގެން، އެ ސިނާއާތުގެ ތަރައްގީ، ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި މަސްވެރީންނަށް ސަރުކާރުން ނުދީ އެތައް ދުވަހެއް ވެފައިހުރި ފައިސާ، މި ސަރުކާރު ވެރިކަމާ ހަވާލުވެވިތާ 3 ހަފުތާގެ ތެރޭގައި ދޭން ފަށާފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މިހާރު މަސްވެރީންނަށް ނުދެވި ހުރީ 140 މިލިއަނެއްހައި ރުފިޔާ ކަމަށެވެ. އަދި މި ފައިސާވެސް ވީ އެންމެ އަވަހަކަށް މަސްވެެރީންނަށް ދޫކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރީންގެ ސުވާލުތައް، މައިގަނޑު ގޮތެއްގައި ބިނާކުރެއްވި ގިނަ ކަންކަމަކީ ރައީސްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމަނުއްވައިގެން ކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާ ކަންތައްތައްކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ އެއިން ކޮންމެ ވައުދަކީ ފުއްދަވާނެގޮތް ހޯއްދަވައިގެން ވެވަޑައިގެންނެވި ވައިދު ކަމަށެވެ. އަދި އެކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ރައީސް ވަނީ ދެއްވާފައެވެ.