އައްޑޫގައި ހިންގާ މާރާމާރީތަކާ ގުޅިގެން ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހޯދަމުން ދަނިކޮށް އިއްޔެ ފުލުސް އޮފީހަށް ހާޒިރުވި މީހާގެ ބަންދު ޖަހައިފިއެވެ.

އުމުރުން 29 އަހަރުގެ މި މީހާ އިއްޔެ ފުލުހަށް ހާޒިރު ކުރުމުން އޭނާ ހައްޔަރުކޮށް ބަންދު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފައެވެ.

އައްޑޫގައި މި މަހު ހިންގަމުންދާ މާރާމާރީގައި ގިނަ އަދަދެއްގެ މީހުން ހައްޔަރު ކޮށްފައިވާ އިރު އެކަކު ވަނީ ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައެވެ.

މި މަހުގެ 1 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އައްޑޫ ސިޓީގެ ހިތަދޫގައި ވަނީ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގާފައެވެ. އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދީ 30 އަހަރުގެ ފިރިހެނެއް ޒަހަމް ކޮށްލާފައިވާ އިރު، އެ މައްސަލައާ ގުޅިގެން 4 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ހައްޔަރު ކުރި 4 މީހުންނަކީ އުމުރުން 18 އަހަރުގެ މީހަކާ، 19 އަހަރުގެ މީހެއްގެ އިތުރުން 20 އަހަރު އަދި 23 އަހަރުގެ މީހެކެވެ.މި 4 މީހުންނަށް ވަނީ ޝަރިއަތް ނިމެން ދެން ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެފައެވެ.

އޭގެ ފަހުން މި މަހުގެ 3 ވަނަ ދުވަހު ވެސް މާރާމާރިއެއް ހިންގައި 20 އަހަރުގެ ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމް ކޮށްލާފައެވެ. މި މައްސަލަތަކާ ގުޅިގެން ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ދަނީ ހިންގަމުންނެވެ.

އެގޮތުން މި މަހަހުގެ 3 ވަނަ ދުވަހުގެ ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ މީހަކާއި، 19 އަހަރުގެ 2 މީހުންނާއި، 20 އަހަރުގެ 3 މީހުންނާއި، 21 އަހަރުގެ މީހަކާއި 23 އަހަރުގެ 3 މީހުންނެވެ. މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން 10 މީހުން ވެސް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.

ފުލުހުން ހިންގަމުންދާ މި އޮޕަރޭޝަންގައި ހިތަދޫ ސަރަހައްދުގައި ގްރޫޕުތަކުން އެއްވެ އުޅޭ ތަންތަން ފުލުހުން ބަލައި ފާސްކުރަމުންދާ އިރު، މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފަ ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި، ދަނގަޑުބުރިތަކާއި އެހެނިހެން އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަތައް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެންދަނީ ތަހުގީގު ކުރަމުންނެވެ.