ފިނޭންސް މިނިސްޓްރީން ލަފާކޮށް އަންނަ އަހަރަށް ކަނޑައަޅަން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ހިމެނޭ ފުށީ ދިއްގަރު ފަޅު ހިއްކުމުގެ ބިޔަ މަޝްޜޫއު އުނިކޮށް، 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅަން ފާސް ކޮށްފިއެވެ.
މިބަޖެޓް ކޮމިޓީން ފާސްކުރީ މިރޭ ބޭއްވި ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިބަޖެޓަށް ކޮމިޓީން ގެނައި އިސްލާހުތަކުގެ 306.2 މިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ.
ކޮމިޓީން ބަޖެޓް ފާސްކުރި އިރު ބައެއް މަޝްރޫއުތައް އުނިކޮށްފަިއވާ އިރު، އަނެއްބައި މަޝްރޫއުތަކަށް ކަނޑައެޅި ބަޖެޓުގެ އަދަދު ވަނީ އިތުރުކޮށްފައެވެ. އެގޮތުން މާލޭގެ ތޮއްޖެހުމަށް ހައްލު ހޯދުމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ހިންގަވާނެ ކަމަށް ވިދާޅުވި، ފުށިދިއްގަރު މަޝްރޫއަށް ކަނޑައަޅާފައިވާ ބަޖެޓް ވަނީ އުނިކޮށްފައެވެ. ހަމައެއާއެކު ރަށްރަށުގައި ހިންގަން ހަމަޖައްސާފައި ކުދިކުދި ބައެއް މަޝްރޫއުތައް ވެސް ބަޖެޓުން ވަނީ އުނިކޮށްފައެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރެއިން ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތަކީ ފުރަތަމަ 14 ދުވަސް ތެރޭ ފަށަން ނިންމާފައިވާ މަސައްކަތެކެވެ. އެގޮތުން ފުށިދިއްގަރުފަޅުން 1280 ހެކްޓާރުގެ ސަރަހައްދެއް ހިއްކާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފިނޭންސްުން ހުށަހެޅި އިރު އެ ސަރަހައްދު ހިއްކުމަށް ވަނީ 400 މިލިއަން ރުފިޔާ ހިމަނާފައެވެ
ހަމައެއާއެކު ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުން ގެއްލުނު ސަރަހައްދު ހޯދަން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ އަދަދު ވަނީ އިތުރުކޮށްފައެވެ. އެގޮތުން މިރޭ ކުރިޔަށްދާ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި އެޓާނީ ޖެނަރަލް އޮފީހުގެ ބަޖެޓަށް އިތުރު ކުރަން ސަރުކާރުން ފޮނުވާފައިވާ ބައިތައް ވަނީ ހުށަހަޅާފައެވެ. ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލާގައި ގާނޫނީ މަސައްކަތް ކުރުމަށް ކަނޑައަލާފައިވާ ބަޖެޓު ވަނީ 10 މިލިއަން ރުފިޔާއަށް އިތުރު ކޮށްފައެވެ.
މި މަސައްކަތަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރާނެ މަސައްކަތެއް ކަމަށް ބުނެފައިވާ އިރު، ރައީސް މުއިއްޒު ވަނީ މި މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. ކަނޑުން ގެއްލުނު ބައި ހޯދުމަށް ކުރަން ޖެހޭ ދިރާސާތައް ވެސް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.