އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް މަރުވި މައްސަލައިގައި އިހުމާލެއް ވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން އެ މައްސަލައިގައި އެންއައިސީއިން ބޭނުންވާ ލަފާއާއި އިރުޝާދު ދެމުންދާ ކަމަށް އެ އޮފީހުން ބުނެއެވެ. ދައުވާ ކުރަން ފޮނުވާނީ ތަހުގީގު މަރުހަލާ ނިމުމުން ކަމަށްވާ އިރު، މި މައްސަލައިގައި އަދި ދައުވާ ކުރަން ފޮނުވާފައެއް ނުވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިދިޔަ އަހަރު މަރުވި އަބްދުﷲ ރަޝީދު، ސާވެން / ގދ. ހޯނޑެއްދޫ، މަރުވުމުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް، އޭރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ގައި ހޯޑެއްދޫގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކުރި ރަޝީދު މަރުވީ، އޭނާ މޭގައި ރިއްސާތީ ފުލުހުން ގާތު ޑޮކްޓަރަށް ގެންދަން އެދުމުން ފުލުހުން އެކަމަށް އިންކާރުކުރުމުން ކަމަށް އާއިލާއިން ތުހުމަތު ދަނީ ތުހުމަތު ކުރަމުންނެވެ. އަދި ރަޝީދު މަޑަވެލި ސިއްހީ މަރުކަޒަށް ގެންގޮސްފައި ވަނީ އޭނާ މަރުވިތާ ބައިގަޑިއިރު ފަހުން ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ.

ރަޝީދު މަރުވީ ފުލުހުންގެ އިހުމާލުންތޯ ބެލުމަށްޓަކައި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި އެޗްއާރުސީއެމުން މައްސަލަ ތަހްގީގުކުރަމުންދާ އިރު، އޭނާގެ ޕޯސްޓްމޯޓަމް ހަދާފައި ވަނީ ވެސް އާއިލާގެ ނުރުހުމުގައެވެ.

ހޯނޑެއްދޫ އިން ރަޝީދު ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާގެ އިތުރުން ދެ މީހަކު އެ އޮޕަރޭޝަންގައި ހައްޔަރުކުރިއެވެ. ފުލުހުން ބުނި ގޮތުގައި، ރަޝީދު ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޭނާ އޮތީ މަރުވެފައެވެ.