ހޮނިހިރު ދުވަހު އަމީނީމަގުގެ ފަހު ދެ ސެގްމެންޓުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެނެސްފިއެވެ.
އަމީނީމަގުގެ ފަހު ދެ ސެގްމެންޓަކީ ހައުސިން މިނިސްޓްރީގެ އިދާރާ އިން ދިރާގު ހެޑް އޮފީސް އިމާރާތާ ހަމައަށް އޮންނަ ސަރަހައްދެވެ.
ފުލުހުން ބުނީ، ހޮނިހިރު ދުވަހު އަމީނީމަގުގެ ފަހު ދެ ސެގްމެންޓުގެ މަސައްކަތް ފަށާތީ އެ ސަރަހައްދާ ގުޅިފައިވާ މަގުތަކާއި ގޯޅިތައް އާންމު ދަތުރުފަތުރަށް ބަންދުކޮށް، މާދަމާ އިރުއޮއްސި 6 އިން ފެށިގެން ޓްރެފިކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
އަމީނީމަގު ހަދާތީ ދުއްވާ އުޅަނދުފަހަރަށް ބަންދު މަގުތަކާއި ގޯޅިތައް
- އަމީނީމަގު: ހަނދުވަރީ ހިނގުމާއި ބޮޑުތަކުރުފާނު މަގާ ދެމެދުން
- އިއްޒުއްދީން މަގު: ބުރުޒުމަގާއި އުޖާލާ ހިނގުމާ ދެމެދުން
- ޝަހީދު އަލީ ހިނގުން: ބުރުޒުމަގާއި އަމީނީމަގާ ދެމެދުން
- ކަނބާއައިސާ ރަނި ހިނގުން: ބުރުޒުމަގާއި އަމީނީމަގާ ދެމެދުން
އާންމު ގޮތެއްގައި ބުރުޒުމަގަކީ އިރަށް ދުއްވާ މަގެއް ކަމުގައި ވިޔަސް، އަމީނީމަގުގެ މަސައްކަތްތައް ނިމެންދެން ކަނބާއައިސާ ރަނި ހިނގުމާއި ޝަހީދު އަލީ ހިނގުމާ ދެމެދުގައިވާ ސަރަހައްދުގައި ދެން ދުއްވަން ޖެހޭނީ ހުޅަނގަށެވެ.
އާރުޑީސީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހޮނިހިރު ދުވަހު އަމީނީމަގުގެ ފަހު ދެ ސެގްމެންޓުގެ މަސައްކަތް ފަށާނެ ކަމަށެވެ
84.4 މިލިއަން ރުފިޔާ އަށް އަމީނީމަގުގެ މަޝްރޫއު އާރުޑީސީ އާ ހަވާލުކުރީ އަމަލީ މަސައްކަތް ފަށާތާ ހަތް މަސް ދުވަހުން ނިންމާ ގޮތަށެވެ. އޭގެ ފަހުން ވެސް ހަތް މަސް އިތުރުކޮށް އަމީނީމަގުގެ މަސައްކަތް ނުނިމުމުން ދެން ނިންމީ ރިޔާސީ އިންތިހާބު ނިމުމުން މަސައްކަތް ފަށާ ގޮތަށެވެ. އެންމެ ފަހުން ކުރީ ސަރުކާރުން ބުނީ، މި ސަރުކާރުން އަމީނީމަގުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމާލާނެ ކަމަށެވެ.
ކުރީ ސަރުކާރުން އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއު އާރުޑީސީ އާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އޭގެ ތިން މަސް ފަހުން މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފަށައި، ހައުސިން މިނިސްޓްރީގެ އިދާރާ އާ ހަމައަށް ވަނީ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފައެވެ.