މި މަސްތެރޭ އައްޑޫގައި ހިންގަމުން އަންނަ މާރާމާރިއާ ގުލީގެން ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި 10 މީހަކު ހައްޔަރުކޮށް އެމީޙުންގެ ބަންދަށް 10 ދުވަސް ޖަހައިފި ކަަމށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް އައްޑޫ ސިޓީގައި ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.

މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މިހާތަނަށް 10 މީހުން ހައްޔަރުކޮށްފައިވާ އިރު، އޭގެތެރޭގައި ހިމެނެނެނީ އުމުރުން 23 އަހަރުން ދަށުގެ ޒުވާނުންނެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ މީހަކާއި، 19 އަހަރުގެ 2 މީހުންނާއި، 20 އަހަރުގެ 3 މީހުންނާއި، 21 އަހަރުގެ މީހަކާއި 23 އަހަރުގެ 3 މީހުންނެވެ. މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން 10 މީހުން ވެސް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ހިންގަމުންދާ މި އޮޕަރޭޝަންގައި ހިތަދޫ ސަރަހައްދުގައި ގްރޫޕުތަކުން އެއްވެ އުޅޭ ތަންތަން ފުލުހުން ބަލައި ފާސްކުރަމުންދާ އިރު، މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފަ ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި، ދަނގަޑުބުރިތަކާއި އެހެނިހެން އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަތައް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެންދަނީ ތަހުގީގު ކުރަމުންނެވެ.

އައްޑޫގައި މި ފަހުން ހިންގި މާރާމާރީގެ ތެރެއިން މި މަހުގެ 1 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އައްޑޫ ސިޓީގެ ހިތަދޫގައި ވަނީ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގާފައެވެ. އެ މާރާމާރީގައި ވެސް ތޫނު އެއްޗަކުން ހަމަލާ ދީ 30 އަހަރުގެ ފިރިހެނެއް ޒަހަމް ކޮށްލާފައިވާ އިރު، އެ މައްސަލައާ ގުޅިގެން 4 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ހައްޔަރު ކުރި 4 މީހުންނަކީ އުމުރުން 18 އަހަރުގެ މީހަކާ، 19 އަހަރުގެ މީހެއްގެ އިތުރުން 20 އަހަރު އަދި 23 އަހަރުގެ މީހެކެވެ.މި 4 މީހުންނަށް ވަނީ ޝަރިއަތް ނިމެން ދެން ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެފައެވެ.

އޭގެ ފަހުން މި މަހުގެ 3 ވަނަ ދުވަހު ވެސް މާރާމާރިއެއް ހިންގައި 20 އަހަރުގެ ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމް ކޮށްލާފައެވެ.