ފާއިތުވި 24 ގަޑިއިރު ތެރޭ އިޒްރޭލުގެ 28 ވެހިކަލް ހަލާކު ކޮށްލައިފި ކަމަށް ހަމާސް އިން ބުނެފިއެވެ.
ހަމާސްގެ އަލްގަސަމް ބްރިގޭޑުގެ ތަރުޖަމާން އަބޫ އުބައިދާ ބުނީ, ފާއިތުވި 24 ގަޑިއިރަކީ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރެވުނު ވަގުތުތަކެއް ކަމަށާއި 28 ވެހިކަލް އެއްކޮށް ނުވަތަ ބޭނުން ނުކުރެވޭ ވަރަށް ހަލާކު ކޮށްލެވިފައި ވާ ކަމަށެވެ.
އޭނާ އިތުރަށް ބުނީ އަލް ގަސަމް ބްރިގޭޑުން އިޒްރޭލު ސިފައިންނާ ވަރަށް ގާތުން ކުރިމަތި ލި ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންވެސް މަރާލާފައި ވާ ކަމަށެވެ.
މިކަމާ ގުޅިގެން އިޒްރޭލުން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު, ޑޮކްޓާސް ވިތް އައުޓް ބޯޑާސް އިން ބުނީ ފާއިތުވި 48 ގަޑިއިރު ތެރޭގައި ޝަހީދުވެފައި ވާ 100 މީހެއްގެ ހަށިގަނޑު އަލް އަގުސޯ ހޮސްޕިޓަލަށް ގެނައި ކަމަށެވެ.
ހޮސްޕިޓަލުން ބުނީ, އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު ގެނައުމާއެކު ހޮސްޕިޓަލް މިހާރު ވަނީ ފުރި ބާރުވެފައެވެ. ޝަހީދުވި މީހުންގެ އިތުރުން ޒަހަމްވެފައި ވާ 400 އަށް ވުރެ ގިނަ މީހުން ގެނައި ކަމަށްވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އިޒްރޭލުން ގާޒާގެ އެތަން މިތަނަށް ހަމަލާ ދެމުން އެއްގަމު މަގުން އަރާ ގެއަކުން ގެއަކުން ބަލާ ސާޗް ކުރަމުން ދާ އިރު, އިޒްރޭލުން މިހާރު ވިސްނަމުން ގެންދަނީ ގަވައިދާ ހިލާފަށް ވަޒަންވެރި ކުރުވާ މީހުން އިރުމަތީ ޖަރޫސަލަމްގައި އަލުން ވަޒަންވެރި ކުރާ ޕްލޭން ތަންފީޒު ކުރާށެވެ.