އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މައްސަލައިގައި ހައްޔަރުކުރި 4 މީހުން، ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއެވެ.

އެގޮތަށް ބަންދުކުރަން އަމުރުކޮށްފައި ވަނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހިތަދޫ ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުންނެވެ.

އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހައްޔަރު ކުރި 4 މީހުންނަކީ އުމުރުން 18 އަހަރުގެ މީހަކާ، 19 އަހަރުގެ މީހެއްގެ އިތުރުން 20 އަހަރު އަދި 23 އަހަރުގެ މީހެކެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްފައި ވަނީ 30 އަހަރުގެ ފިރިހެނަކަށެވެ.

އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީ އާ ގުޅިގެންސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ސިޓީއަށް ވަނީ ފޮނުވާފައެވެ. އެހެންނަމަވެސް އޭގެ ފަހުން އިއްޔެ 3:30 ހާއިރުވެސް އެ ސިޓީގައި މާރާމާރީއެއް ވަނީ ހިނގާފައެވެ. އެ މާރާމާރީގައި 20 އަހަރުގެ ޒުވާނަކަށް ވަނީ އަނިޔާވެފައެވެ.