އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފާއިވާ އެމެރިކާގެ މިހާރުގެ ރައީސް އާ ދެކޮޅަށް އެމެރިކާގެ މުސްލިމުން ވަރުގަދަ ކެމްޕެއިނެއް ފަށައިފިއެވެ.

އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތައް ރައީސް ޖޯ ބައިޑަން ހުއްޓުވާފައި ނުވާތީ AbandonBiden# ބައިޑަންގެ ނަމުގައި ފެށި ކެމްޕެއިންގެ ބޭނުމަކީ ރިޔާސީ އިންތިހާބުގައި ހުރިހާ މުސްލިމުން ގުޅިގެން ބައިޑަން ކަޓުވާލުމެވެ.

އެމެރިކާގެ މުސްލިމް ކޮމިއުނިޓީއަކީ ޣައިރު މުސްލިމުންނާ އަޅާ ބަލާއިރު ކުޑަ ކޮމިއުނިޓީއެއް ނަމަވެސް އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރާ ކޮންމެ މީހަކަށް އެގައުމުގެ މުސްލިމުންގެ ވޯޓު މުހިންމުވެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ މިނެސޯޓާއިން ފެށި ކެމްޕެއިން މިހާރު މިޝިގަން, އެރިޒޯނާ, ވިސްކޮންސިން, ފެންސެލްވޭނިއާ އަދި ފްލޮރިޑާއަށް ވަނީ ފުޅާވެފައެވެ.

އެމެރިކާގައި ރައީސަކާއި ނައިބު ރައީސަކު އައްޔަން ކުރުމުގައި އެ ސްޓޭޓެއްގެ ސިޔާސީ ޕާޓީތަކުން ކަނޑައަޅާ ބަޔަކު ލާ ވޯޓު މުހިންމު ދައުރެއް އަދާކުރާ އިރު މުސްލިމުންގެ އާބާދީ ބޮޑު ސްޓޭޓްތަކުން ބައިޑަން އަށް މިފަހަރު ނަތީޖާ ގޯސްވާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ބައިޑަން އާ ދެކޮޅަށް ކެމްޕެއިން ފެށި މުސްލިމް ކޮމިއުނިޓީގެ އިސް ލީޑަރުން ބުނީ, އެމީހުން ބައިޑަން އަށް ތާއިދު ނުކުރާ އިރު ދެން ވާދަ ކުރައްވާކަން އިއުލާން ކުރައްވާފައި ވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެސް ތާއީދު ނުކުރާނެ ކަމަށާއި އޭނާވެސް މުސްލިމުންނަށް ވަކި ރަނގަޅެއް ނުވާނެ ކަމަށެވެ.

ނަމަވެސް މިފަހަރު މައިގަނޑު އަމާޒަކީ ބައިޑަން ކަމަށާއި ބައިޑަން ކަޓުވާލުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ފެށިފައި ވާ ކަމަށެވެ.

އެމެރިކާގެ ރިޔާސީ ރޭހުގައި މައިގަނޑު ދެޕާޓީ, ޑިމޮކްރެޓްސް އާއި ރިޕަބްލިކަނުންގެ އިތުރުން މިނިވަން ކެންޑިޑޭޓުންނަށާއި ކުދި ކުދި ޕާޓީތައް ތަމްސީލު ކުރާ ކެންޑިޑޭޓުންނަށް ވެސް ވާދަ ކުރެވެއެވެ. މިފަހަރުގެ ރިޔާސީ ރޭހުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ތެރެއިން އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް ގޮވާލާފައި ވަނީ އެންމެ 2 ކެންޑިޑޭޓުންނެވެ. އެކަކީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރާ ކަޅު ނަސްލުގެ ފިލޯސަފަރެއް ކަމަށް ވާ ކާނަލް ވެސްޓެވެ. ދެވަނަ މީހަކީ ގްރީން ޕާޓީން ނިކުންނަ ކެންޑިޑޭޓް ޖިލް ސްޓެއިން އެވެ. މިދެމީހުން ވަނީ ފާޅުގައި ކެމްޕެއިނަށް ނިކުމެ އިޒްރޭލުގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ.

އެމެރިކާގައި މައިގަނޑު 2 ޕާޓީއަކަށް މެންބަރުން ބެހިފައިވުމާއެކު މިނިވަން ކެންޑިޑޭޓުންނާއި ކުދި ޕާޓީތަކުގެ ކެންޑިޑޭޓުންނަށް އިންތިހާބު ކާމިޔާބު ނުކުރެވުނަސް މުސްލިމުންގެ ވޯޓު މިފަހަރު ގިނައިން ބެހިގެން ދާނީ އެފަދަ ކެންޑިޑޭޓުންނަށް ކަމަށް އަންދާޒާތަކުން ދައްކައެވެ.

މިހާރުވެސް ހިޔާލުހޯދުމުގެ ނަތީޖާތައް ދައްކާ ގޮތުން ބައިޑަންގެ މަގުބޫލުކަން ވަނީ 17 ޕަސެންޓަށް ވެއްޓިފައެވެ. މުސްލިމުންގެ މި ކެމްޕެއިނާ އެކު ބައިޑަން އިންތިހާބު ކާމިބު ކުރެއްވި އެއް ސިޓީ ކަމަށް ވާ މިޝިގަން ފަދަ ތަންތަނުގެ މެޖޯރިޓީ މިފަހަރު ގެއްލޭނެ ކަމަށް ބުނެއެވެ. މިދިޔަ އިންތިހާބުގައި ބައިޑަންއަށް މިޝިގަންއިން 2.8 ޕަސެންޓުގެ ކުރިއެރުމެއް ލިބިވަޑައިގަތެވެ. އަދި އެއީ އެފަހަރު އިންތިހާބު ކާމިޔާބުވި އެއް ސަބަބުވެސް މެއެވެ.