ވިލާތަކުގެ މައްޗަށް އަރައިގެން ގޮސްފައި ހުންނަ ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތް، ދުބާއީގެ ބުރުރު ހަލީފާގެ ދެގުނަ ސައިޒުގެ ފަރުބަދައެއް ކަނޑުއަޑިން ފެނިއްޖެއެވެ.

ކަނޑުއަޑީގެ ސާވޭ ހަދާ ކުންފުންޏެއް ކަމަށް ވާ ޝިމިޑް އޯޝަން އިސްޓިޓިއުޓް (އެއްއޯއައި) އިން ބުނީ އެމީހުންނަށް އެ ފަރުބަދަ ފެނުނީ، ކަނޑު އަޑީގެ ޗާޓުތައް ކުރެހުމުގެ މަސައްކަތް ކުރަނިކޮށް ގުއަޓަމާލާ ސްޕެޝަލް އިކޮނޮމިކް ޒޯނުން ކަމަަށެވެ.

މިއީ ދުނިޔޭގެ އެއްޗެސް ޗާޓެއްގައި އަދި އެއްވެސް ޑާޓާބޭސް އެއްގައި ލިސްޓު ކޮށްފައި ވާ ފަރުބަދައަކަށް ނުވާ އިރު މިއީ މުޅިން އަލަށް ފެނުނު ފަރުބަދައެއް ކަމަށް އެ މީހުން ބުނެއެވެ.

މި ފަރުބަދައިގެން އުސްމިނުގައި 5249 ފޫޓު ހުރެއެވެ. ދުބާއީގެ ބުރުޖް ހަލީފާގެ އުސްމިނަކީ 2722 ފޫޓެވެ.

ދުބާއީގައި ހުންނަ ބުރުޖް ހަލީފާ

ގާތްގަނޑަކަށް 14 ސްކެއާ ކިލޯމީޓަރު ސަރަހައްދަކަށް ފެތުރިގެން ގޮސްފައި ނުވަތަ އެ ފަރުބަދައިގެން ބުޑުގަނޑުގެ ވަށަމިން މިންކުރާއިރު 7874 ފޫޓު ހުންނަ ކަމަށްވެސް އެ އެޖެންސީން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން، ޓެކްނޮލިޖިއާއި ވަސީލަތްތައް ކުރިން ހުރި ގޮތުން ދުނިޔޭގެ މާސިންގާ ކަނޑުގެ އެންމެހާ ދިރުންތަކާއި ސަރަހައްދުތަކެއް ބަލާ، މައުލޫމާތު އެއްކުރުމުގެ ގާބިލުކަން ނެތަސް މިއަދު އެފަދަ ވަސީލަތްތައް ހުރުމާއެކު ކަނޑުގެ ދިރުންތައް ހުރިގޮތް ދެނެގަތުމަކީ މުހިންމު ކަމެކެވެ.

ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް ދުނިޔޭގެ ކަނޑުތަކުގެ ދިރުންތަކާއި ހާއްސަކޮށް ކަނޑު އަޑީގެ ޗާޓުތައް އެކުލަވާލުމުގައި ހާސިލު ކުރެވިފައި ވަނީ އެންމެ 25 ޕަސެންޓެވެ. އެހެން ކަމުން ކަނޑުއަޑީގައި ހޯދަން ޖެހޭ ކިތަންމެ މައުލޫމާތެއް ހުރިކަމަށް ބުނެއެވެ.

ސައިންސްވެރިން ގަބޫލު ކުރާ ގޮތުގައި ކަނޑުއަޑީގައި މިބާވަތުގެ 100،000 އަށް ވުރެ ގިނަ ފަރުގަދަ ހުންނާނެއެވެ. އަދި އެއިން ކޮންމެ ފަރުބަދައެއްގެ އިސްމިނުގައި 3280 ފޫޓު ހުންނާނެ ކަމަށް ވެސް ލަފާކުރެއެވެ. އެއީ މިހާތަނަށް ފެނުނު 10 ޕަސެންޓް ފަރުބަދައިގެ ވައްތަރާއި އުސްމިނާއި އެގެ އުމުރާއި ހެދެމުން އަންނަ ގޮތުގެ މައުލޫމާތު މައްޗަށް ބުރަވެ ސައިންސްވެރިން ދައްކާ ވާހަކައެކެވެ.

އާންމުކޮށް މިފަދަ ކަނޑުއަޑީގެ ފަރުބަދަތަކަކީ ހޫނުމިން މަތި ސަރަހައްދުތަކުގައި އުފެދެމުން އަންނަ ފަރުބަދަތަކެކެވެ. އެފަދަ ފަރުބަދަތައް ހެދެމުން އުފެދެމުން ބޮޑުވަމުން އަންނަކަން ދުނިޔޭގެ ސައިންސުން ހޯދާފައި ވާ އިރު، ހަވާއީގެ މުއާނާ ކިއޭ ފަރުބަދައަކީ އެގޮތަށް ކަނޑުގެ އަޑިން އުފެދެމުން ގޮސް މުވަގުތު ދުނިޔޭގައި ހުރި އެންމެ އުސް ފަރުބަދައެވެ. އެ ފަރުބަދަ ބުޑުން ފެށިގެން ތުނޑަށް 33500 ފޫޓު ހުންނަ ކަމަށް ރެކޯޑުތަކުން ދައްކައެވެ.

ރިސާޗް ހަދާ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި، ކަނޑުއަޑީގެ ދިރުންތަކުގެ ތެރެއިން އެކިއެކި ބާވަތްތަކުގެ ދިރުންތައް އެކި ސަރަހައްދުތަކަށް ހާއްސަވަނީވެސް މިފަދަ ކަޑުއަޑީގެ އުފެދުންތަކާ ހުރެއެވެ. އެގޮތުން އެ ފަދަ ދިރުންތައް [މަސްމަހާ މެހި] އާލާވެ، ކައިބިއެ އަދި ރައްކާތެރިކަން ހޯދަނީ އެތަކެއްޗަށް ހާއްސަ ވާ މިފަދަ އުފެދުންތަކާ ގުޅިފައި ހުންނަ ސަރަހައްދުތަކުގައެވެ.

ރާއްޖޭގައި ވެސް މިފަދަ ފަރުބަދައެއް އޮވެއެވެ. އެއީ ' ކަކުނި ކާލި ސަތޯއަށް ނިސްބަތްވާ "ސަތޯރަހަ" ފަރުބަދަ" އެވެ. 27 ކިލޯމީޓަރަށް ފެތުރިފައި ވާ އެ ފަރުބަދަ އަކީ، ނެކްޓަން އިން ކުރިއަށް ގެންދިޔަ ކަނޑުގެ ސާވޭގައި ފެނުނު ސަތޯރަހަ ފަރުބަދައެވެ.

ސައިންޓިފިކް ދިސާރާއެއްގެ ބޭނުމަށް މެޕްކޮށް ޑޮއިއުމެންޓް ކުރި މި ފަރުބަދައަކީ ކަނޑުގެ އަޑިން 300 މީޓަރު (1000 ފޫޓު) އަށް ވުރެ އަޑިން ފެނުނު ފަރުބަދައެކެވެ. ވަށަމިނުގައި 15 ނޯޓިކަލް މޭލު ނުވަތަ 27 ކިލޯމިޓަރު އެބަހުއްޓެވެ. އަދި ފުންމިނުގައި 1500 މީޓަރު ހުރި މި ފަރުބަދަ އަކީ، އިހުއްސުރެ ކިޔާ ގޮތަށް ސަތޯރަހަ ތިލައިގައި ހުރި ފަރުބަދައެވެ.

ރާއްޖޭގެ ކަނޑުތަކުގައި މި ބާވަތުގެ 34 ފަރުބަދައެއް ހުންނަކަމަށް ރެކޯޑް ކުރެވިފައި ވާއިރު މިއީ މިހާތަނަށް ދުނިޔޭގައި މި ބާތުގެ ސްޓަޑީ ނުވަތަ މައުލޫމާތު އެއްކުރި 300 ފަރުބަދައިގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ފުރަތަމަ ފަރުބަދައެވެ. ދުނިޔޭގެ އެތައް ކަނޑެއްގައި 1000 މީޓަރަށް ވުރެ އުސް 100،000 ފަރުބަދަ ހުންނަކަމަށް ރެކޯޑް ކުރެވިފައި ވެއެވެ.