ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޯޓެއް އެމްއެންޑީއެފުން އަނެއްކާވެސް އަތުލައިގެންފިއެވެ.

އެމްއެންޑީއެފް އިން ބުނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގާނޫނާއި ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފްގެ ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ ބޯޓަކީ ސްރީލަންކާގެ މަސް ބޯޓެއް ކަމަށާއި އެ އުޅަނދު ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓު ތަކެއް ވަނީ އިއްޔެ ވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެގޮތުން އިއްޔެ 4 ބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު އެ 4 ބޯޓަކީވެސް ލަންކާގެ ބޯޓުތަކެވެ.

މި ބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އދ. މަހިބަނދޫ "އަސުރުމާ" މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މައުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް މީގެ ކުރިންވެސް ބޭރުގެ މަސް ބޯޓުތައް ވަނީ އަތުލައިގެންފައެވެ. އަތުލައިގަންނަ އެ ފަދަ އުޅަނދުތައް ބޮޑެތި އަދަދުން ޖޫރިމަނާ ކުރަމުން ދާއިރު އެމްއެންޑިއެފް އިން އެ އުޅަނދުތައް ދޫކުރަނީ އެ ފައިސާ ދެއްކުމުންނެވެ.