ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކާ ގުޅޭ ހަރަދުތަކުގެ މައުލޫމާތު ހާމަ ކުރަން ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނީ މިގޮތަށް ނިންމަވާފައި ވަނީ ރައީސް މުއިއްޒުގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. އެގޮތުން ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ހަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި އާންމު ކުރާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މިއީ ރާއްޖޭގެ ރައީސަކު ހާމަކަން ބޮޑު ގޮތެއްގައި ރަސްމީ ދަތުރުފުޅުގެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް އިއުލާން ކުރެއްވި ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.
ރައީސް މިގޮތަށް ނިންމަވާފައި ވަނީ މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އެކި ވާހަކަތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވަނީ ރައީސް މުއިއްޒު، ތުރުކީވިލާތަށާއި ދުބާއީއަށް ކުރެއްވި ދަތުރުފުޅުގެ ހުރިހާ މައުލޫމާތެއް ހޯދުމަށް ހުށަހަވެސް އަޅުއްވާފައެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި މައުލޫމާތު ހޯދަން ނިހާދު ހުށަހަޅުއްވާ ފައިވާއިވާއިރު އޭނާ ވިދާޅުވީ ހިތު ހުރިހާ ގޮތަކަށް ދައުލަތުގެ ފައިސާ ބޭނުން ކުރަން ފުރުސަތު ދީގެން ރައްޔިތުން ނުތިބޭނެ ކަމަށެވެ. ގާނޫނުގައިވާ ގޮތުން އެދިފައިވާ މައުލޫމާތަކީ ދޭންޖެހޭ މައުލޫމާތެއްނަމަ، އެންމެ ލަސްވެގެން 21 ދުވަހުގެ ތެރޭގައި ދޭންޖެހެ އެވެ.
ރައީސް މުއިއްޒު ތުރުކީވިލާތަށް ކުރެއްވި ދަތުފުޅަކީ ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އެ ދަތުރުފުޅު ނިންމެވުމަށްފަހު ދުބާއީ އަށް އެމަނިކުފާނު ވަޑައިގަތީ ކޮޕް-28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ދެ ދަތުރުފުޅުގައި ވެސް ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.