މިދިޔަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުގެ ރޭ މަރާލާފައި އޮއްވާ ފެނުނު ނ. މަނަދޫ ނައީމާ މޫސާގެ މަރުގެ މައްސަލާގައި ދައުވާ ކުރާ މީހުންގެ ތެރެއިން 2 މީހަކު އެ ހާދިސާ ހިނގާދިޔަ ގޮތް ކިޔައިދިން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވީ ނައިމާގެ މަރުގެ މައްސަލައިގައި މައިގަނޑު ގޮތެއްގައި ބައިވެރިވެފައި ވަނީ ދައުވާ ކުރާ 3 މީހުން ކަމަށެވެ. އަދި އިތުރު ބަޔެއްގެ ބައިވެރިވުން އޮތް ކަމަށް ގަބޫލު ނުކުރެވުނު ނަމަވެސް އިތުރު ބަޔަކަށް އެކަން އެނގިފައި އޮވެދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ދައުވާ ކުރާ 3 މީހުންގެ ތެރެއިން އެކަކު ފުރިހަމައަށް އެއްބަސް ވި ކަމަށާއި އޭގެތެރެއިން ދެ މީހުން އެ ވާހަަކަތައް ކޮންމެސް ވަރަކަށް ކިޔައިދީފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެކަމަށް އިންކާރު ކުރާ ކަމަށާއި އެ ވާހަކަތައް ތަފްސީލުކޮށް ކިޔާދޭން މިހާރު އެއްބަސް ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެ މީހުން އިންކާރު ކުރި ނަމަވެސް ކުރިން ދިން ބަޔާންތަކާ، ގުޅުވާލެވޭ އިތުރު ހެކިތަކާއި ގަރީނާ ލިބިފައިވާ ކަމަށެވެ. އަދި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ސައިންޓިފިކް އެވިޑެންސްއާއި ޑީއެންއޭ އަދި އެހެން ކަހަލަ ބައެއް ހެކިތައް ވެސް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން މި މައްސަލަ ކާމިޔާބު ކުރެއްވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނައީމާ މަރާލި މައްސަލާގައި ތިން މީހަކަށް ދައުވާކުރަން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މި މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފައި ވަނީ ނ. މަނަދޫ ، ފެހިވިލާގޭ އަހުޒަމް އަބްދުއް ޝަކޫރު، އެ ރަށު ފިނިފެންމާގެ، އަބްދުލް ވާހިދު ރިފާޝް އަދި އެ ރަށު ވިނަރެސް ހަސަން ފަވާޒުއެވެ. އެ ތިން މީހުންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ ކުރަން ހުށަހަޅާ ކަމަށް ޝަމީމް ވިދާޅުވިއެވެ.