އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ މަރާލަން ހުރިހާ ކަމެއް ރޭވި ދައުލަތުން ދައުވާކޮށްފައިވާ ހަސަން ފަވާޒުކަން ސަބިތުކުރުމަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅައިފިއެވެ.

ނައީމާ މޫސާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 7 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިތެރެއިންނެވެ. ނައީމާ މަރުގެ މައްސަލައިގައި ދައުވާކުރި ތިން މީހުންނަކީ، ނ. މަނަދޫ، ފެހިވިލާގެ، އަހުޒަމް އަބްދުއްޝަކޫރާއި އެ ރަށު ފިނިފެންމާގެ، އަބްދުލްވާހިދު ރިފާސް އާއި އެ ރަށު ވިނަރެސް، ހަސަން ފަވާޒެވެ.

ފަވާޒަކީ އެކަން އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރާ މީހާ އެވެ. މި ތިން މީހުންގެ މައްޗަށް ދައުލަތުން ވަނީ 3 ދައުވާ އިއްވާފައެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އިތުރުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއެވެ.

މިއަދު ކްރިމިނަލް ކޯޓުން ބޭއްވި އޮންލައިން އަޑުއެހުމުގައި ދައުލަތުން ވަނީ ފަވާޒު އިސްކޮށް ހަރަކާތްތެރިވިކަން ސާބިތު ކުރުމަށް ގިނަ ހެކިތަކެއް ހުށަހަޅާފައެވެ. އެގޮތުން ފަވާޒު އަހުޒަމާއި ރިފާސްއަށް ފޯނުން ދެމުން ދިޔަ އިރުޝާދުތައް ސާބިތުކުރަން ބައެއް ޝަފައީ ހެކިންނާއި ރިފާސް، އަހުޒަމް، ފަވާޒުގެ ސެލް ލޮކޭޝަންތަކާއި ކޯލް ރެކޯޑިންތަކާއި ނައީމާ ސިހުރު ހަދާ ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވޭ ކަމާއި އެކަމާ ފަވާޒު ރުޅި އަންނަ ކަން ސާބިތުކުރަން ރަށު ބައެއް މީހުންގެ ހެކިބަސް ހިމެނެއެވެ.

މީގެ އިތުރުންވެސް ނައީމާގެ ގެ ކައިރިއަށް އަހުޒަމާއި ރިފާސް ގޮވައިގެން ފަވާޒު ދިޔަ ކަމާއި އެ ތަނަށް ދިޔަ ކާރަކީ ފަވާޒުގެ ކާރެއް ކަން ސާބިތުކުރަން ސީސީޓީވީ ފުޓޭޖުތަކުގެ އިތުރުން ފޮރެންސިކް ތަހުލީލުގެ ބައެއް ރިޕޯޓްތަކާއި ކުށްކުރަން ބޭނުންކުރި ބައެއް އާލާތްތައް ހޯދަން ފަވާޒު ހަރަދުކުރިކަން ސާބިތުކުރަން ބައެއް ހެކި ވެސް ހުށަހަޅާފައި ވެއެވެ.

ފަވާޒުގެ ފަރާތުން ދިފާއުގައި ވަނީ ތަހުގީގުގައި ބައިވެރިވި ބައެއް ފުލުހުންނާއި ބައެއް ވީޑިއޯތައް ހުށަހަޅާފައެވެ.

ފަވާޒްގެ މައްޗަށް ދައުވާތައް އުފުލި ސަބަބު ހާމަކުރަމުން ދައުލަތުން މީގެ ކުރިން ބުނެފައި ވަނީ ރިފާސް އާއި އަހުޒަމްއަށް އިރުޝާދުދީ އެ އަމަލު ހިންގާފައި ވަނީ ފަވާޒްގެ އެންގުމަށް ކަމަށެވެ. އަދި އޭގެ ބަދަލުގައި އަގެއްގެ ގޮތުން ފަވާޒު އެމީހުންނަށް މަސްތުވާތަކެތި ދިން ކަމަށް ދައުލަތުން ބުނެފައި ވެއެވެ.

އަދި ނައީމާއަށް ހަމަލާ ދިނުމަށް އޭނާ އުޅޭ ގެއަށް ވަނީއްސުރެ މަރާލުމާ ހަމައަށް ފަވާޒު، އަހުޒަމްގެ އިތުރުން ރިފާސްއަށް އިރުޝާދު ދީފައިވާ ކަމަށް ވެއެވެ. އެއަށްފަހު ފަވާޒު އެ ދެ މީހުން (އަހުޒަމް އާއި ރިފާސް) ގޮވައިގެން ދިޔައީ ނ.މަނަދޫ ނާމަގު ސަރަޙައްދަށް ކަމަށާއި އެތަނަށް ގޮސްފައިވަނީ ހެކި ނައްތާލުމުގެ ބޭނުމުގައި ކަމަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައި ވެއެވެ. އެގޮތުން ވަޅެއް ކޮނުމަށްފަހު އެމީހުންގެ ޖިންސާއި އަންނައުނުތައް އަންދާލާފައިވާކަމަށް ވެއެވެ. ނަމަވެސް މި ދައުވާތަކަށް ފަވާޒް ވަނީ އިންކާރުކޮށްފައެވެ.

ނައީމާ ދިރިއުޅޭ ކޮޓަރީގައި ގިނަ ޒަހަމްތަކަކާއެކު އޭނާ މަރުވެފައި އޮއްވާ ފެނުނު އިރު ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ގިނަ ހަމަލާތަކެއް ވަނީ ދީފައެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަހެއް ވެގެން އެ ރަށުގެ ބައެއް މީހުންނާއެކު ފުލުހުން އެގެއަށް ވަދެ ބެލުމުންނެވެ.