އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ (ނައީމާއްތަ)ގެ މަރާ ގުޅިގެން ބާއްވާ ފުރަތަމަ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ނައީމާ މޫސާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 7 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިތެރެއިންނެވެ.

ނައީމާ މަރުގެ މައްސަލައިގައި ދައުވާކުރި ތިން މީހުންނަކީ، ނ. މަނަދޫ، ފެހިވިލާގެ، އަހުޒަމް އަބްދުއްޝަކޫރާއި އެ ރަށު ފިނިފެންމާގެ، އަބްދުލްވާހިދު ރިފާސް އާއި އެ ރަށު ވިނަރެސް، ހަސަން ފަވާޒެވެ.

ކްރިމިނަލް ކޯޓުން ބުނީ މިއަދަށް ތައާވަލުކުރި ނައީމާގެ މަރުގެ މައްސަލައިގެ އަޑުއެހުން ކެންސަލްކުރީ ކަރެކްޝަނުން މީހުން އުފުލުމަށް ބޭނުންކުރާ ލޯންޗު ހަލާކުވުމުގެ ސަބަބުން ކަމަށެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ދައުވާ ކުރާ 3 މީހުންގެ ތެރެއިން އެކަކު ފުރިހަމައަށް އެއްބަސް ވި ކަމަށާއި އޭގެތެރެއިން ދެ މީހުން އެ ވާހަަކަތައް ކޮންމެސް ވަރަކަށް ކިޔައިދީފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެކަމަށް އިންކާރު ކުރާ ކަމަށާއި އެ ވާހަކަތައް ތަފްސީލުކޮށް ކިޔާދޭން މިހާރު އެއްބަސްނުވާ ކަމަށް އޭރު ޕީޖީ އިން ވަނީ ބުނެފައެވެ.

މި ތިން މީހުންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ ވަނީ އުފުލާފައެވެ.